އަހުމަދު ޒަކީ (ޒަކީ ސާރ / އުޒްތާޒް ޒަކީ) އަކީ ކިޔަވައިދިނުމުގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި, ދަރިވަރުންގެ މެދުގައި މަޤުބޫލު ލެކްޗަރަރއެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ އިތުރުން ގިނަ ކޮލެޖްތަކުގައި ކިޔަވައިދެއްވާފައިވެއެވެ.
ޒަކީ ސާރ ވަނީ މިމަހުގެ ތެރޭގައި ދަރުމައަށް ނުވަތަ ހިލޭސާބަހަށް ހިންގާ "އިނގިރޭސިބަހުން ރީތިކޮށް ވާހަކަދައްކަން ދަސްކޮށްދޭ ކުލާސް" އެއް ފަށާފައި އެވެ. އިއްޔެ ފެށި މި ކްލާހުގައި ގައި ރާއްޖޭގެ 28 ރަށަކުން 100 މީހުން ބައިވެރިވި އެވެ.
ޒޫމް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާ މި އޮންލައިން ކުލާހުގައި މިފަހަރު އަމާޒުކޮށްފައިވަނީ, ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ (ހއ, ހދ, އަދި ށ) ގައި ތިބި, އިނގިރޭސި ބަސް ދަސްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށެވެ.
ހަފުތާއަކު ދެ ކުލާސް ނަގައިދޭ މި ކުލާހުގެ ބައިވެރިން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. މި ބުރުގެ ކުލާސް ތަފާތު އުމުރުފުރާތަކަށްވެސް ބައިވެރިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, ފުރަތަމަ ކުލާސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު, އަދި ކުލާހުގެ ބައިވެރިންގެ ފަރާތުންނާއި ވަރަށް ބޮޑު ތަރުހީބެއްވެސް ލިބިގެންނެވެ.
ހަމަ އެހެންމެ މި ކުލާހާ ގުޅޭ ޒަކީ ސާރގެ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑީއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
ޒަކީ ސާރ ވަނީ މީގެ ކުރިންވެސް މިފަދަ ދަރުމައަށް ހިންގާ ކުލާސްތައް ހިލޭ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ މިފަދަ އޮންލައިން ހިލޭ ކުލާސްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ފުރަބަންދުގެ މި ހާލަތުގައި ޒަކީ ސާރގެ ފަރާތުން ގޭގައި ބަންދުވެފައި ތިއްބަވާ ފަރާތްތަކަށް ދެއްވާ އަގުބޮޑު ހަދިޔާއެއްކަން ޔަޤީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް