އީސަގެ މައްޗަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލައިގެ ޝަރީއަތް ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި...

21 Jun 2021 | 05:52

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ފަށަން މިއަދު ތާވްލަކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ނުބޭއްވީ މައްސަލަ ބައްލަވާ ގާޒީ ސިއްހީ ސަބަބަކާހުރެ ސަލާމުގައި ހުންނެވުމުން ކަމަށެވެ. އީސަގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު 11:00 އަށެވެ

އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދޭން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދުނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ ތިން ވަނަ ދުވަހު އެެވެ.

ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރުގެ ދަށުން އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމެވެ.

އެހެންކަމުން ކުށް ސާބިތުވި ނަމަވެސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި އޭނާއަށް ނުގެއްލޭނެއެވެ.

އީސަގެ ޝަރީއަތް ހިންގާ އިރު، އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. އެކަމަކު މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަދި އަނިޔާތަކާ ގުޅިގެން އަސްރާ ވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް