އައްޑޫ ސިޓީ ގައި މިހާރު ކޯވިޑް-19 އަށް މީހުން ޕޮސިޓިވް ވަމުން ދަނީ ހިތަދޫގައި އެކަންޏެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ތިން ދުވަހުވެސް އައްޑޫއިން ކޯވިޑަށް މީހުން ޕޮސިޓިވްވެފައިވަނީ ހިތަދޫއިންނެވެ. މިވަގުތު އެކްޓިވް ކޭސް ހުރީ ހިތަދޫ އާއި މަރަދޫގައި އެވެ.
މަރަދޫގައި ކޯވިޑަށް ޕޮސިޓިވް ތިބީ އެންމެ ދެމީހުންނެވެ. އެހެން އެއްވެސް ރަށެއްގައި ކޯވިޑް ޖެހިފައިވާ މީހަކު ނެތެވެ.
ހިތަދޫއިން އިއްޔެ ނުވަ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މިހާރު ހިތަދޫގައި ޖުމްލަ 117 މީހުން ކޯވިޑް ޖެހިފައި އެބަތިއްބެވެ.
އެ ސިޓީގައި ކޯވިޑަށް ފަރުވާ ދެމުންދާ 119 މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އައްޑޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެންނެވެ. ކޯވިޑްގައި އައްޑޫއިން މިހާތަނަށް މަރުވެފައިވަނީ އެކަކެވެ.
މިފަހަރު ކޯވިޑް ފެތުރެން ފެށިފަހުން މިހާތަނަށް ޖުމްލަ އައްޑޫގެ ރަށްތަކުން 428 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
މުޅި އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުމީދޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައި އެވެ. އައްޑޫ ސިޓީގައި މިހާރު މޮނިޓަރިންއަށް ލައި ކާފިއު ހިންގަމުން ދަނީ ގުޅިފައިވާ ރަށްތަކުގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް