ކުރީގެ ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފި

ޓެރރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފި އެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ ނަޝީދު...

21 Jun 2015 | 06:24

ޓެރރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ނަޝީދު މާލެ ގެނައީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ. އަދި ދައްކާފައިވަނީ ނާރުގެ ޑޮކްޓަރަކަށް ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާޜު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެ އެވެ.

ނަޝީދަށް މިދިޔަ މަހު ފަހުކޮޅު ސެނަހިޔާއިންވެސް ވަނީ ފަރުވާދީފަ އެވެ. އެފަހަރު އެމަނިކުފާނު ދެއްކީ އެތެރެހަށީގެ ޑޮކްޓަރަކަށާއި ކަށީގެ ޑޮކްޓަރަކަށެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ އެމްއާރްއައި ސްކޭނެއް ހެދޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަން ހަމަޖައްސައިދީފަ ނުވާކަމަށް ވަކީލުންގެ ޓީމުން ބުނެފަ ވެއެވެ.

ނަޝިދު މިއަދު ހޮސްޕިޓަލް ތެރޭގައި އުޅުއްވި ބައެއް ފޮޓޯތަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު ފެންނަ ފެނުމަށް އެމަނިކުފާނު ހުންނެވީ ފަހަތަށް ބިޑި އަޅުވާފަ އެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އާންމުން ވަނީ ދިވެހި ގައުމާ މެދު މިއަދު ލަދުގަންނަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް