ދަތުރުވެރިންގެ ވަގުތީ މާރުކޭޓު އަންގާރަ ދުވަހު ބަންދު ކުރަނީ

ލޯކަލް މާރުކޭޓުގައި ހެދި ދަތުރުވެރިންގެ ވަގުތީ މާރުކޭޓް އަންނަ އަންގާރަ ދުވަހު ބަންދުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މަރާމާތަށްފަހު ދަ...

21 Jun 2015 | 06:12

ލޯކަލް މާރުކޭޓުގައި ހެދި ދަތުރުވެރިންގެ ވަގުތީ މާރުކޭޓް އަންނަ އަންގާރަ ދުވަހު ބަންދުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މަރާމާތަށްފަހު ދަތުރުވެރިންގެ މާރުކޭޓް ހުޅުވައި، އެތަނުން ކުރިން ލިބެމުންދިޔަ ހުރިހާ ހިދުމަތެއް ލިބޭނެ ގޮތް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދަތުރުވެރިންގެ ތަކެތި ވިއްކަން ވަގުތީ ގޮތުން ހަމަޖެއްސި ގޮޅިތައް އަންގާރަ ދުވަހު ބަންދުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިގޮތަށް އިއުލާން ކުރި އިރު އަދިވެސް އަލަށް ހެދި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް މީހުން ބަދަލުވީ ވަރަށް މަދުންނެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނަމުންދަނީ އަލަށް ހެދި ތަނަށް ބަދަލުވާން ހަދަންވީ ގޮތެއް އަދިވެސް މިނިސްޓްރީން ނާންގާ ކަމަށެވެ.

ހައުސިން މިނިސްޓްރީން އެކުލަވާލައިފަވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ސަރަހައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށް ގޮޅި ދޫކުރުމުގައި އަމަލުކުރާނެ އުސޫލުގައި ބުނެފައިވަނީ އެގްރިމެންޓުގެ މުއްދަތު ހަމަވެފައިވާ ފަަރާތްތަކުގެ ތެރެއިން ގަވާއިދުން ދައުލަތަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް ވަގުތީ އެއްބަސްވުމެއްގެ ދަށުން މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ. ނަމަވެސް ގަވާއިދުން ފައިސާ ދައްކާފައިނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަަމަށާއި އެފަދަ ފަރާތްތަކުން މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެެވެ.

މީގެއިތުރުން ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއްގޮތަކަށްވެސް ނުދައްކާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ބިންތައް އެ އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ހައުސިން މިނިސްޓްރީއަށް ނެގޭނެ ކަަމަށާއި އަދި އެފަދަ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. މީގެއިތުރުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާ ފަރާތްތަކަށް އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ތަން ހިންގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް