ރިސޯޓެއްގެ ނެރުކައިރީގައި ފީނަން އުޅުނު ބިދޭސީއެއްގެ ގައިގާ ލޯންޗަކުން ޖެހި އެ ބިދޭސީ މީހާގެ އަތް އުޅަނބޮށްޓާއި ހަމައިން ބުރިވެ ވަކިވެފައިވާއިރު އެ އަތް ފެނޭތޯ އެ ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރަކަށް ބަލާފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
"މައްސަލައާއި ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވޭ، ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ ބައެއްގެ ބަޔާން ނަގާފައިވާކަމަށްވެސް މިއަދު ފުލުހުން ބުނެފައިވެއެވެ.
"ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައިނުވިނަމަވެސް، ތަހުގީގު ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމު" ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާއަކީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީގައި ހިނގި ހާދިސާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް