ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އެ މަރުކަޒުގައި ހުނަރު ޕޮރޮގްރާމްތަކެއް ކުރިއަށް ގެންދަމުން ދާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މިގޮތުން މިދިޔަ ހަފްތާ ތެރޭގައި އެ މަރުކަޒުގައި ފަރުވާ ހޯދަމުން ދާ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން އެ މަރުކަޒުގައި ކޭކު ކޯހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޯސް ވަނީ ދިހަ ފަރާތަކުން ފުރިހަމަކޮށްފައި ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
މީގެއިތުރުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖްތިމާއީ އެއްވުންތައް އެ މަރުކަޒުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
އެ މަރުކަޒުން ބުނީ، ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އިތުރު ޕްރޮގްރާމްތަކެއް އެ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަ ޖެހިފައެވެ.
އޭގެތެރޭގައި ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްއަކާއި، ކުރެހުމާއި އަތު މަސައްކަތް ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ މަގްސަދަކީ އެ ވުޒާރާގެ ބެލެނިވެރިކަމުގެެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއިއެކު ދިރިއުޅުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކަކަށް ހެދުން ކަމުގައި އެ މަރުކަޒުން ވަނީ ބުނެފައެވެ.
އެ މަރުކަޒުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 220 ފަރާތެކެވެ. އޭގެތެރޭގައި 133 ފިރެހެނުންނާއި، 87 އަންހެނުންނާއި އެނދުމަތިވެފައިވާ 15 ފަރާތަކާއި ނަފްސާނީގޮތުން ބަލިކަށި 183 މީހުން ހިމެނެއެވެ. މީގެތެރޭގައި 65 އަހަރުން މަތި 31 ފަރާތެއް ހިމެނޭ ކަމުގައި އެ މަރުކަޒުން މައުލޫމާތު ދެއެވެ.
އެ މަރުކަޒުން ބުނީ އެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމައަށް އަނބުރާ ހަވާލުކުރުމަކީ އެ މަރުކަޒުން ހާއްސަ އިސް ކަމެއް ދޭ ކަމެއް ކަމަށެވެ. ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއްވަނީ އާއިލާއާއި އަނބުރާ ހަވާލުކޮށްފައި ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އަދި އެހީތެރިކަން އުފަލާ ލޯތްބާއިއެކު ދިނުމަށް އެ ވުޒާރާއިން ވަނީ މުޖުތަމައުއަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް