ބަންގާޅު ކަނޑުގައި މާދަމާ ލޯ ޕްރެޝަރެއް އުފެދުމުގެ ފުރުސަތު އެބަ އޮތްކަމުގައި އިންޑިއާގެ ދިއްލީގައި ގާއިމްކޮށްފައިވާ ރީޖަނަލް ސްޕެޝަލައިޒްޑް މީޓީއޮރޮލޮޖިކަލް ސެންޓަރ (އާރްއެސްއެމްސީ) އިން ބުނެފިއެވެ.
އެގޮތުން އެ އިދާރާގެ އިއްޔެގެ ބުލެޓިންގައި ބުނެފައިވަނީ މާދަމާގެ ވަގުތެއްގައި ބަންގާޅު ކަނޑުގެ އިރު ދެކުނުގައި ލޯ ޕްރެޝަރ އޭރިއާއެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި އެ ލޯ ޕްރެޝަރުގެ ބާރު އިތުރަށް ގަދަވެ ހުކުރު ދުވަހުގެ ވަގުތެއްގައި ކޮޅިގަނޑަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ. ކޮޅިގަނޑަކަށް ބަދަލުވާއިރު ސެޓަޕް ހުންނާނީ ބަންގާޅު ކަނޑުގެ މެދަކާއި ހިސާބުގައި ކަމަށްވެސް ބުނެފައިވެއެވެ.
ތުފާނެއް އުފެދޭ މަރުހަލާ ތަކަށް ބަލާއިރު އެންމެ ފުރަތަމަ ސައިކްލޯނިކް ސާކިއުލޭޝަނެއް އުފެދި އެ ސާކިއުލޭޝަން ލޯ ޕްރެޝަރ އޭރިއާއަކަށް ބަދަލުވެއެވެ. އަދި އެއަށްފަހު ޑިޕްރެޝަން (ކޮޅިގަނޑު) އަކަށް ބަދަލުވެ އަދި އެއަށްފަހު ޑީޕް ޑިޕްރެޝަން އަކަށް ބަދަލުވެ އެއަށްފަހު ތޫފާނެއްގެ ގިންތިއަށް ބާރު ގަދަވެގެންދެއެވެ.
ބަންގާޅު ކަނޑުގައި މާދަމާ އުފެދޭނެކަމަށް ބެލެވޭ ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެދާނެކަމަށް އަދި އަންދާޒާކޮށްފައެއް ނުވެއެވެ.
ރާއްޖެ ސަރަހައްދުގައި މިއީ މޫސުން ގޯސް ދުވަސްވަރެއް ކަމުގައިވާއިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވާގޮތުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިއަދުގެ ނިޔަލަށް މޫސުން ވަރަށް ގޯސްވުން އެކަށީގެންވެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގައިވެސް މިދިޔަ ބުރާސްފަތި ދުވަހު ކޮޅިގަނޑެއް އުފެދި އަދި އެ ކޮޅިގަނޑު ތޫފާނަކަށްވެސް ބަދަލުވިއެވެ. އެހެންނަމަވެސް މިހާރު އެ ސެޓަޕްގެ ބާރު ދަށްވެ އަލުން ކޮޅިގަނޑެއްގެ ގިންތިއަށް ބަނީ ވަނީ ބަދަލުވެފައެވެ. އަދި އެ ސެޓަޕް ދަތުރުކުރަމުންދަނީވެސް ރާއްޖެއާ ދުރަށެވެ.
ބަންގާޅު ކަނޑާއި އަރަބި ކަނޑުގައި އުފެދޭ ކޮޅިގަނޑުތަކާއި ތޫފާންތަކުގެ ނުސީދާ އަސަރު ބައެއް ފަހަރު ރާއްޖެއަށް ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް