ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާ ސިޔާސީ ޕާޓީ "ދި ޑިމޮކްރެޓިކް" ގެ ނަމުގައި އުފެއްދުމުގެ ހުއްދައަށް އެދިއްޖެ އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާނެ ހުރިހާ މެމްބަރުންހެން ބައިވެރިވެވަޑައިގެންނެވި އެވެ.
އެއީ ކުރީގެ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމަށް ފަހު ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ފެކްޝަނަށް ތާއީދުކޮށް އެ ޕާޓީން މިދިޔަ ހަފްތާގައި ވަކިވެފައިވާ މެމްބަރުންނާއި ކުރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނަވަނީ ރައީސް ނަޝީދެވެ.
އެމަނިކުފާނަކީ އަދި އެމްޑީޕީގެ މެމްބަރެކެވެ.
ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އެމްޑީޕީން އިސްތިއުފާ ދެއްވީ ވަކި ބަޔަކު ބޭނުންވާ ގޮތަށް އެމްޑީޕީ ހައިޖެކްކޮށްފައި އޮތުމުން އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީތެރެއިން ގެއްލިފައިވާ ކަމަށް ވިދާޅުވެ އެވެ.
ދި ޑިމޮކްރެޓިކްގެ ނަމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަންވެސް ފިކުރެއްގެ ދިރުމުން ވަނީ އިއުލާނު ކޮށްފައި އެވެ. އަދި ޕާޓީގެ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީ ބާއްވައިގެން ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ނަޝީދު ނޫން މީހަކަށް ނުދޭނެ ކަމަށާއި ޕްރައިމަރީގައި ވާދަ ކުރައްވާނީވެސް އެމަނިކުފާނު އެކަނިކަމަށް ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް