އިދާރާއަކަށް ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ މުވައްޒަފުންނަށް ކުރާ ހޭދަ: ނައިބު ރައީސް

އިދާރާއަކަށް ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް އެޗް.އާރު. ކޮންވެނ...

21 May 2022 | 11:09

އިދާރާއަކަށް ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނައިބު ރައީސް ވަނީ އިންސާނީ ވަޞީލަތާ، ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މަތީ ތަޢުލީމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ހިލޭ އެހީތަކާއި، ސްކޮލަރޝިޕްތަކާއި، ލޯނުގެ ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ހަމައެކަނި ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބުމުން ފުއްދާލެވެން ނެތްކަންފާހަގަކުރައްވައި ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ވަނީ މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާފައެވެ. އަދި މަސައްކަތުގެ މައިދާނުގައި މަގު ދައްކައިދީ، މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުން މަގުފަހިވެގެންދާނީ ހަމައެކަނި އެ އިދާރާއެއްގެ ކާމިޔާބީ ނޫންކަމަށާއި އެ ކަމުން މުޅި ޤައުމަށް ވެސް މަންފާ ކުރާނެ ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި އަދި ބައިނަލްއަޤްވާމީ ތަޖްރިކާރުން ބައިވެރިވާނެ އެވެ. ނޭޝަނަލް އެޗް.އާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ - ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް