ބައިނަލްއަގްވާމީ ހަބަރުތަކަށް ބަލައިލާއިރު މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މަންކީ ޕޮކްސް ނަމަކަށް ކިޔާ ވައިރަހެއް ދުނިޔޭގެ ބައެއް ގައުމުތަކުން ފެނި، ފެތުރޭ ވާހަކައެވެ. އެގޮތުން މިހާތަނަށް 11 ގައުމަކުން 80އެއް ހާ މީހުންނަށް މި ވައިރަސްގެ އަސަރުކޮށްފައިވާކަމަށް އަދާހަމައަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
މަންކީ ޕޮކްސް އައުޓް ބްރޭކް 2022
މިހާރު ކުރިއަށް މިދަނީ މަންކީ ޕޮކްސް އައުޓްބްރޭކް 2022 އެވެ. މި އައުޓް ބްރޭކްގެ ފުރަތަމަ ކަންފާމްޑް ކޭސްއެއް ފެނުނީ މި ހިނގާ މެއި މަހުގެ ހަ ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. މި ބަލި އިނގިރޭސިވިލާތަށް އައިގޮތަކީ ނައިޖީރިއާއިން އިނގިރޭސިވިލާތަށް ދަތުރުކުރި މީހެއްގެ ކިބައިން އަލާމާތްތައް ފެނި އެމީހާ މި ވައިރަހަށް ޕޮޒިޓިވް ވުމުންނެވެ.
އަދާހަމައަށް ފެންނަންހުރި މައުލޫމާތަށް ބަލައިލާއިރު މި އައުޓްބްރޭކްގައި ޕޯޗުގަލުން 23 ކޭސް، ސިވިޑަން، އިޓަލީ، އެމެރިކާ، ޖަރުމަނު، އިޒްރޭލު އަދި ނެދަލޭންޑް ހިމެނޭހެން ކޮންމެ ގައުމަކުން އެއް ކޭސް، ބެލްޖިއަމުން ތިން ކޭސް، ކެނެޑާއިން 30 ކޭސް، އޮސްޓްރޭލިއާއިން ދެ ކޭސް ވަނީ ރެކޯޑްކޮށްފައެވެ.
މި އައުޓްބްރޭކްގެ ފުރަތަމަ ކޭސް އިނގިރޭސިވިލާތުން ފެނުނީ މި މަހުގެ ހައެއްގައި ކަމުގައިވާއިރު ޕޯޗުގަލް، ސްޕެއިން، އަދި އެމެރިކާއިން މި ބަލި ފެނުނީ މެއި 18ގައެވެ. ސްވިޑަން، ބެލްޖިއަމް، ފްރާންސުން މި ބަލި ފެނުނީ 19 މެއި ގައެވެ. އަދި އޮސްޓްރޭލިއާއިން ފެނުނީ އިއްޔެ އެވެ.
މަންކީ ޕޮކްސް އާއި ތާރީހު
މިއީ އެއްގޮތަަކަށްވެސް އާ ވައިރަހެއް ނޫނެވެ. އަދި މި ވަައިރަސް އިންސާނުންގެ ގަޔަށް އަރަނީ އަދި އަރާފައިވަނީ ކޮންމެހެން ޖަނަވާރަކާ ޖިންސީ ގުޅުމެއް ނުވަތަ ގައިގޯޅި ގުޅުމެއް ހިންގައިގެނެއްވެސް ނޫނެވެ.
މަންކީ ޕޮކްސް އަކީ މަންކީޕޮކްސް ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ގައިން ގަޔަށް އަރާ މި ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވުނީ 1930ގެ އަހަރުތަކުގައި މީދަލުގެ އާއިލާގައި ހިމެނޭ ރޮޑެންޓްސް މީދަލުންނެވެ. އެއަށްފަހު ރާމާމަކުނަށް މި ވައިރަސް ވާސިލުވެ ރާމާ މަކުނުން އިންސާނުންނާ ހަމައަށް މި ވައިރަސް ވާސިލުވިއެވެ. އެންމެ ފުރަތަަމަ އިންސާނަކަށް މި ވައިރަސް ޖެހުނު ކަމަށް ދައްކަނީ 1970ގެ އަހަރުތަކުގައެވެ.
އެފްރިކާ ބައްރުގައި މި ބައްޔަކީ އާއްމު ބައްޔެއްގެ ގޮތުގައި އަދި "އެންޑަމިކް"އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި އޮންނައިރު މީގެ ކުރިންވެސް އެފްރިކާ ބައްރުން ބޭރުން މި ވައިރަހުގެ އައުޓްބްރޭކްސް ތައް ރެކޯޑް ކުރެވިފައި އެބަހުއްޓެވެ.
އެގޮތުން 2003 ގައި އެމެރިކާ އައުޓްބްރޭކް، 2017 އިން 2019 އަށް ނައިޖީރިއާ އައުޓްބްރޭކް، 2018 ގައި އިނގިރޭސިވިލާތުގެ އައުޓްބްރޭކް، 2019 ގައި ސިންގަޕޫރުގެ އައުޓްބްރޭކް އަދި މހާރު މި ކުރިއަށްދާ 2022 އައުޓްބްރޭކް ހިމެނެއެވެ. އެ އައުޓްބްރޭކްސްތަކުގައިވެސް މަރެއް ނުވަތަ މަރުތަކެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މި ބަލީގެ އަލާމާތްތަކަކީ ކޮބާ!؟
މި ބަލީގެ އާއްމު އަލާމާތްތަކަކީ ހުން އައުން، ބޮލުގައި ރިއްސުން، ގައިގާ ރިއްސުން، ވަރުބަލިވުމެވެ. އަދި ޗިކަން ޕޮކްސް ފަދައިން ނަމަވެސް އެއަށްވުރެ ތަންކޮޅެއް ގިނައިން ބިސްތަކެއް ނަގާ އެ ބިސްތައް ފަޅައިގެން ދިއުން ހިމެނެއެވެ. އެހެން ނަގާ ބިސްތަކުގައި ފުރަތަމަ ދިޔާ ފެނެއް އުފެދި އަދި ފަހުން އެބިސްތަކުގައި ދޮސް އުފެދި ފަޅައިގެންދާކަމަށްވެއެވެ. ވަރަށް ގަދައަށް ގައި ކެހުމަކީވެސް މި ބަލީގައި ވާ ކަމެކެވެ. އަދި މި ބަލި ޖެހުމުން ރަނގަޅު ނުވެ ބައެއް ފަހަރ ދެ ހަފްތާ އާއި ހަތަރު ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަކުރަންޖެހޭކަމަށްވެއެވެ.
މި ބަލި ގައިން ގަޔަށް އަރަނީ ކިހިނެއް !؟
ދިވެހިންނަށް އާއްމު ޗިކަން ޕޮކްސް ފަދައިން މި ވައިރަސް އިންސާނުންގެ ގަޔަށް އަރަނީ އެކަކު އަނެކަކާ ދިމާވެ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ދައުރުކޮށްގެންނެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހެއްގެ ގައިގާ ނަގާ ބިސްތަކުގައި އުފެދޭ ދިޔަ އަނެކެއްގެ ގައިގަ ޖެހިގެން ނުވަތަ އެކެއްގެ ގައިގަ ހިމެނޭ ވައިރަސް ހިމެނޭ އެއްޗެއް އަނެކެއްގެ ގައިގަ ޖެހިގެންނެވެ. ބަލި ޖެހިފައިވާ މީހަކު އަނެކާއާ ވަރަށް ގާތުން ކެއްސާ ނަަމަވެސް ޖެހިދާނެކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި އާއްމުކޮށް މި ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކަމަށްވެސް ބުނެއެވެ.
މިހާރު ދެވޭ ފަރުވާއަކީ ކޮބާ !؟
މަންކީ ޕޮކްސް އަށް މިހާރު ދެމުން އަންނަ އަދި ދެވޭ ފަރުވާއަކީ ޗިކަން ޕޮކްސް، މީސަލްސް، އަދި ބެކްޓީރިއަލް ހަމުގެ އިންފެކްޝަންސްތަކަށްވެސް ދެވޭ ފަރުވާތަކާއި އެލާޖީތަކަށްވެސް ދެވޭ ފަރުވާތަކެވެ. އަދި ފަރުވާ ދޭނެ މިން ކަނޑައަޅަނީ ޓެސްޓްތަކަށްފަހު އެމީހަކަށް މި ބަލި ޖެހިފައިވާ ބޮޑު ކުޑަމިނަށް ބެލުމަށްފަހުގައެވެ. ބަލި ޖެހިފަ ހުރިކަން ޔަގީން ކުރުމަށް ހަދާ ޓެސްޓަކީ ޕޮލިމެރޭސް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓެވެ.
މި ބައްޔަށް ވެކްސިނެއް ނެތްތަ !؟
މަންކީ ޕޮކްސް އަށް އަދި ވަކި ހާއްސަ ވެކްސިނެއް އުފައްދާފައެއް ނެތެވެ. އެހެންނަމަވެސް ސްމޯލް ޕޮކްސް އަށް އުފައްދާފައިވާ ވެކްސިނުން، މަންކީ ޕޮކްސްގެ އަލާމާތްތައް ކުޑަކޮށްދީ ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދެއެވެ.
2022 ގެ އައުޓްބްރޭކް މިހާ ކަންބޮޑުވަނީ ކީއްވެ ؟
މީގެ ކުރީގެ އައުޓްބްރޭކްތަކަށް ބަލާއިރު އެ އައުޓްބްރޭކްތައް ހުރީ ވަކި ގައުމަކަށް ނުވަތަ ދެތިން ގައުމަކަށް ނިސްބަތްވާނޭހެނެވެ. ނަމަވެސް މި ފަހަރުގެ އައުޓް ބްރޭކް ހަފްތާ ދެ ހަފްތާގެ ތެރޭގައި ދުނިޔޭގެ 11 ގައުމަކުން ފެނުމުން މިފަހަރުގެ މަންކީ ޕޮކްސް ނުރައްކާވެދާނެކަމުގެ ސުވާލު ބައެއް ފަރާތްތަކުން އަންނަނީ އުފައްދަމުންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިފަހަރު ޕޮޒިޓިވް ވި މީހުންގެ ފަރާތުންވެސް ފެންނަނީ ހަމަ އާއްމު މަންކީ ޕޮކްސްގެ އަލާމާތްތައް ކަމަށާއި ޕޮޒިޓިވް ވި މީހެއްގެ ހާލު ސީރިއަސްވިކަންވެސް އަދި ރިޕޯޓެއް ނުުކުރެއެވެ.
އެހެންނަމަވެސް ކޮވިޑާއެކު މިފަދަ އައުޓްބްރޭކްތަކަށް ގައުމުތައް އިތުރަށް އެލާޓްވެ ލޯ ހުޅުވިފައިވުމުން ގައުމުތަކުން މިކަން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ބުނެފައިވަނީ ވަރަށް ގާތުން މިކަން ބަަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް