ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ ފަށައިފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ ފަށައިފި އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އިކޮނ...

21 May 2022 | 04:07

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ ފަށައިފި އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަހަރު ފަހުކޮޅު އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އެ އެއާޕޯޓް ތަރައްގީކުރާނީ ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.

މި މަޝްރޫއު ނިމުމުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް ތަރައްގީ ކުރެވިފައި އޮންނާނެ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތައް އަދި ޕާކު ކުރާނެ ސަރަހައްދެއް ވެސް ތަރައްގީ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވާއިރު އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިސާދު ފުޅާކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް