ރާއްޖެއިން ކޯވިޑް-19އަށް އިތުރު 1،603 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
ކޯވިޑް-19 އަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 1،025 މީހުންނެވެ. އަތޮޅު ތެރެއިން 571 މީހުން ޕޮސިޓިވްވެފައިވާއިރު އޮޕަރޭޓް ކުރާ ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ ހަތް މީހުންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވި ކަމަށް އާންމުކޮށްފައިވަނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދެވެ. އެއީ 24 ގަޑިއިރުގެ ތަފާސް ހިސާބު އާންމު ކުރި އިރު އޭގެ ތެރޭގައި ކުރީގެ ސާމްޕަލްތަކެއް ހިމެނޭ ވާހަކަ ބުނެފައި ނުވާތީ އެވެ.
ބެލެވޭގޮތުގައި ކޯވިޑް ޖެހުނު އަދަދު އިތުރުވެފައިވަނީ ގިނަ އަދަދެއްގެ ސާމްޕަލް ޓެސްޓުކޮށްފައިވާތީ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 6،320 ސާމްޕަލް ކޯވިޑަށް ޓެެސްޓު ކޮށްފައިވެ އެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 21،079 މީހުންނަށެވެ. އޭގެ ތެރެއިން 286 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިއަދުގެ މިހާތަނަށް ކޯވިޑް ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. މިއާއި ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 120 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 31،197 މީހުންނެވެ.
ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 52،405 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް