މާލެ ފުރަބަންދުކުރަން އަދި ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
https://twitter.com/MvSpokesperson/status/1395763570822897668
މަބްރޫކް މިހެން ބުނެފައި ވަނީ، 'އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރަނީ' ކަމަށް ނޫހެއްގައި ޖަހާފައިވާ ވާހަކައާ ގުޅުވައިގެންނެވެ. މީގެ ކުރިން ޕްރެސް ކޮންފަރެންސްއެއްގައި މަބްރޫކް ވިދާޅުވެފައި ވަނީ، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފަހު ފިޔަވަޅެއްގެ ގޮތުގައި ލޮކްޑައުން އަށްދާނީ އާންމުންނަށް ދުރާލާ އަންގައި ވަގުތު ދީފައި ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.
ކޯވިޑް ކޭސްތައް އިތުރުވުމާއި މާލެ ކޯވިޑްގައި ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާތީ މާލެ ލޮކްޑައުން ކުރުމާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް އަންނަނީ ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް މަޝްވަރާތަކަށް ފަހު ވަކި ގޮތެއް ނިންމޭނެ ކަން ނޭނގޭއިރު ގިނަ ބަޔަކު ދަނީ އަލުން ލޮކްޑައުނަކަށް ހިނގައިދާނެތީ ބައެއް ކަންކަމާއި ކަންޑޮވުން ފާޅު ކުރަމުންނެވެ.
މިކަމާއި ގުޅިގެން “ދުވަސް” އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ލޮކްޑައުނަކަށް ދާނަމަ ދެން ދާނީ އެކަމަށް ތައްޔާރުވުމަށް ރައްޔިތުންނަށް ވަގުތު ދިނުމަށް ފަހު ކަމަށެވެ.
މާލެއިން އެންމެ ފުރަތަމަ ކޯވިޑް ކޭހެއް ފެނުމާއެކު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލެ ލޮކްޑައުން ކުރި އެވެ. އެކަމަކު ގޭގައި ބަންދުވެ ތިބެން ޖެހުންވީ، ގިނަ ބަޔަކަށް ބޮޑު ވޭނަކަށެވެ.
ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ނުލިބި އަދި ނަފްސާނީ މައްސަލަތައް ވެސް އިތުރުވި އެވެ. އެހެންވެ، ކޭސްތައް އިތުރުވެ، ރާއްޖެ ނުރައްކާތެރި ހާލަތެއްގައި އޮތް ނަމަވެސް ލޮކްޑައުންއަކަށް ދާން ގިނަ ބަޔަކު މިހާރު ދެކޮޅު ހަދަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ މުއައްސަސާތަކުން ބާރު އަޅަނީ މާލެ ލޮކްޑައުން ކުރުމަށެވެ. ހާލަތު ކޮންޓްރޯލް ނުވާ ނަމަ، ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދީފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، އިއްޔެ ބެކްލޮގާއެކު ރާއްޖެއިން 2،194 މީހުން ފައްސިވެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 50،802 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް