"ފަންޑު ކުރީ ކާކު"؟

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ސީރިއަސް ...

21 May 2021 | 14:39

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

ބޮން ގޮއްވާލާފައިވަނީ އެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި ގޮސް މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.

މި ހާދިސާ އާއި ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ހާއްސަ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދު ވަނީކޮށްފައެވެ. އޭޑީކޭގައި އަށްދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މި ހާދިސާއަށް ދެ ހަފްތާ ވެފައި ވާއިރު، ނަޝީދުއަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުންހެން އަދި ގިނަ ބައެއްގެ ހިތުގައި އުފައްދާ އެންމެ ބޮޑު ސުވާލަކީ، މިކަމަށް 'ފަންޑު ކުރީ' ކާކު ހެއްޔެވެ. ރައީސް ނަޝީދަށް ފަންޑްކުރި މީހަކު ނުވަތަ ބަޔަކު ވާނެ ކަމަށާއި، އެމީހަކު ނުވަތަ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ނަޝީދުގެ ސަޕޯޓަރުން ގެނޑިނޭޅި ގޮވާލަމުން ދެއެވެ.

https://twitter.com/Simwarr/status/1395389555583315969

https://twitter.com/Nittey_AN/status/1395397780458205184

އެ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ 'ދެތިން ކުއްޖަކު އެއްވެލާފަ ކުރެވޭ ވަރަށް ވުރެ' ބޮޑު ކަމެއް ކަމަށާއި، މީގެ އަޑީގައި ބަޔަކު ވާނެ ކަމަށެވެ. އަދި 'ފަންޑު ކުރީ' ކާކުތޯ ސުވާލުކުރެއެވެ. އެންމެ މުހިންމު ސުވާލު ތަހުގީގުން އެނގެން ބޭނުންވާ އެންމެ މުހިންމު ނަތީޖާ އަކީ، އެމަނިކުފާނު އަވަހާރަކޮށްލަން މިފަދަ އަމަލެއް ހިނގީ ކޮންބައެއްކަން ހޯދުންކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ގަބޫލު ކުރެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން، ރާވައި ހިންގާއި ފަންޑްކުރި އެންމެން ދިވެހިންނަށް އެނގެންޖެހޭ ކަމަށާއި ތާއީދު ހޯދީ ގަދަބާރާ އަނިޔާވެރިކަމުން ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ޓްވީޓް ކުރަމުން ދެއެވެ. ނަޝީދު ތާއީދު ހޯދީ އޯގާތެރި ސިޔާސަތުތަކުން ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ނަޝީދު ވެރިކަމުން ވައްޓާލަން ބަޣާވާތް ކުރީވެސް އެއްބައެއް ކަމަށާއި، އެމަނިކުފާނު އަވަހާރަކޮށްލަން 'އޮޕްރޭޝަން' އެއް ހިންގީވެސް އެބައެއް ކަމަށް ތުހުމަތު ކުރަމުން މީހަކު ބުނެފައި ވަނީ، މިކަމުގައި އިހުމާލުވަނީ ވެސް އެއްބައެއް ކަމަށެވެ.

https://twitter.com/zariyand/status/1395640115695783937

މި ހަމަލާގެ ފަހަތުގައި ބައެއް ވާނެ ކަމަށާއި، 'ފަންޑް' ކުރި މީހުން ވެސް އިންސާފުގެ ކުރިމައްޗަށް ގެންނަން ނަޝީދުގެ ސަޕޯޓަރުން ގޮވާލަމުން ދާއިރު، އެ މައްސަލަ ދަނީ ދިވެހި ސިފައިންނާއި ފުލުހުން ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގަށް ކުރިއެރުން ލިބެމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ. އެގޮތުން އެ މައްސަލަ އާއި ގުޅުން ހުރި ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 'ބޮން' ގޮއްވާލި ފަރާތާއި އެ ބޮން ހަރުކުރި ސައިކަލް އެތާނގައި ބެހެއްޓި މީހާވެސް ހިމެނެއެވެ.

އަދި އެ ހާދިސާގެ ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެކި ކަހަލަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ތަހުގީގަށް ލިބެމުންދާ ކުރިއެރުންތައް ޕްރެސް ކޮންފަރެންސްތަކުގައި ސިފައިން ހިއްސާކުރަމުން ދާއިރު، މި ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިމި، ދައުވާ ކުރަން ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވެއެވެ.

އަދި މި ހަމަލާގެ ފަހަތުގައު އެތައް ބަޔަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަންކަން ބެލުމަށް ވަރަށް ފުޅާކޮށް ތަހުގީގު ކުރިއަށް ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

https://twitter.com/JenniferAishath/status/1395262246876450820

އެ ހާދިސާ ހިނގައި، އޭގެ ތަހުގީގުތައް ކުރިއަށް ދަނިކޮށް ދެން އިވުނީ، އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާގައި ފިސްތޯލްއެއް އޮއްވައި ފެނުނު ވާހަކައެވެ. ފުލުހުންގެ ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ތިލަކުރި އެ ސުވާލުން އަނެއްކާވެސް އެމްޑީޕީ ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކުރިއެވެ. ފުލުހުން ކުރިން އެ މައުލޫމާތު ނުދީ ބޭއްވީތީ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ.

އެކަން މީޑިއާތަކަށް އެނގުނުއިރު، އޭގެ ކުރީގައި އެމްއެންޑީއެފް އިން އެކަން ސާފު ނުކޮށްދިނީ ކީއްވެތޯ ސުވާލު އުފެއްދިއެވެ.

" ކްރިޓީކަލް ލެވެލްގެ ތްރެޓް އޮތް ބޭފުޅަކަށް ސިކިޔުރިޓީ ބްރީޗަށް ފަހު، މަރުގެ ޓެރަރިސްޓް ޙަމަލާއެއް ދިނުމުން ފުރާނަ ނުގޮސް ހޮސްޕިޓަލުގައި އޮންނެވި ވަގުތު، އަނެއްކާ އެތަނުގެ ފާޚާނާއިން ހަނގުރާމަވެރި ހަތިޔާރެއް ބޭއްވިފައި އޮތީމާ، އެވީ ކީއްބާ؟" އޭޑީކޭ ފާޚާނާއަކުން ފިސްތޯލެއް ފެނުނު މައްސަލައިގައި ނުރުހުން ފާޅުކުރަމުން މީހަކު ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި ނަޝީދުއަށް ދީފައިވަނީ އެންމެ މަތީގެ ސެކިއުރިޓީއެވެ. އެންމެ މަތީގެ ސެކިއުރިޓީ ދެވިފައިވާ ފަރާތަކަށް މިފަދަ ހަމަލާއެއް އަމާޒުވިއިރު، އާއްމު ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދައެވެ.

https://twitter.com/ablho/status/1395402210406658055

މި ހަމަލާގައި ހިމެނޭ ފަރާތްތައް ހޯދުމަކީ އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަން ފުލުހުންނައި އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އަދި 'ފަންޑު' ކުރި މީހުން ހޯދުމަށް ވަރަށް އިސްކަމެއް ދެއްވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް