ޖަރުމަނުވިލާތުގައި ގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެމަނިކުފާނު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާތަކުގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު އެވެ. އެމަނިކުފާނަށް އަމާޒުކޮށް ބޮން ގޮއްވާލީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.
އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުގެ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އާއިލާއިން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އޭޑީކޭގައި އަށްދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ޖަރުމަނުގައި ނަޝީދު ފަރުވާ ހޯއްދަވާފައިވަނީ މިލިޓަރީ ހޮސްޕިޓަލެއްގައި އެވެ. އެމަނިކުފާނު ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓިންއެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް