ފަލަސްތީނުގެ ގައްޒާ ރައްޔިތުންނާއި އެކު ތިބިކަން ހާމަ ކުރުމަށް ކަނޑުމަތީގައި ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.
ގައްޒާއަށް ދެ ހަފްތާއެއްހާ ދުވަސް ވަންދެން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދިނުމަށް ފަހު ހަމަލާ ދިނުން އިސްރާއީލުން ހުއްޓާލީ ރޭގެ ވަގުތެއްގައި އެވެ. އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީންގެ 200 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެ 1،000 އަށްވުރެ ގިނަ މުސްލުމުން ޒަހަމްވެފައިވެ އެވެ.
މިއަދު ސިނަމާލޭ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ފަލަސްތީނަށް ތާއީދުކޮށް ފެށި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ހަރަކާތްތެރިވާ މީހުންނެވެ. އެމީހުން ކުދި ޑިންގީތަކާއި ލޯންޗުތައް ދުއްވާފައިވަނީ ފަލަސްތީންގެ ދިދަ ޖަހައިގެންނެވެ.
އަދި އެ ހަރަކާތުގައި ބައިވެރިވި އުޅަނދުތަކުން މާލެ ވަށައި ބުރުޖަހާފައިވެ އެވެ.
މި ހަރަކާތުގައި ގާތްގަނޑަކަށް 30 އަށްވުރެ ގިނަ އުޅަނދު ބައިވެރިވި އެވެ. ކޮންމެ އުޅަނދެއްގައި މަދުވެގެން ހަތަރު މީހުން ތިބި ކަމަށް މިހަރަކާތުގައި ބައިވެރިވި މީހަކު "ދުވަސް"އަށް މައުލޫމާތު ދެމުން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ދައްކާލުމަށް މުޅި ރާއްޖޭގައި ހެން ވަނީ ހަވީރު ހަރަކާތެއް ކުރިޔަށް ގެންގޮސްފައި އެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް ގޭގައި ތިބެގެން ބެލްކަންޏަށާއި މަގުމައްޗަށް ފަލަސްތީން ދިދަ ނެރެފައިވެ އެވެ.
މި ހަރަކާތުގައި ހުރިހާ ދިވެހިންހެން އެކި ސިފަ ސިފައިގަ ބައިވެރިވި އިރު ރައީސް އާއި ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެން ފަލަސްތީނާއި އެކު ތިއްބެވިކަން ހާމަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް