އިސްރާއީލަށް ތާއީދު ކުރި ހަނިމާދޫ ސްކޫލްގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް

ހދ. ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރުމުން ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފި އެވެ. އެއީ އެ ސްކޫލު...

21 May 2021 | 10:42

ހދ. ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރުމުން ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފި އެވެ.

އެއީ އެ ސްކޫލުގެ ސެކްޝަން އިންޗާޖުގެ ގޮތުގައި ވެސް މަސައްކަތް ކުރާ އެބެންޒަ ސުކްމަރަން ކިޔާ ޓީޗަރެކެވެ. އޭނާ ރާއްޖޭގައި ވަޒީފާ އަދާ ކުރާތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ.

ހަނިމާދޫ ސްކޫލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ ޓީޗަރުގެ ފަރާތުން މީސް މީޑިއާގައި ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ޓީޗަރު އެކަން ކުރީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށެވެ.

އެ ހަރަކާތަށް 24 ގަޑިއިރު ނުވަނީސް ސްކޫލްގެ ސްޓޭންޑާއި މުޅި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާ ހިލާފަށް އެ ޓީޗަރު ހިންގި ދަށު ދަރަޖައިގެ އަމަލީ ސްކޫލުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އަމަލެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ޓީޗަރު ސޯޝަލް މީޑިއާގައި ލިޔެފައިވަނީ  "އައި ސްޓޭންޑް ވިތު އިސްރާއީލް" އެވެ.

މި މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، ހަނިމާދޫ ސްކޫލުން ނިންމާފައި ވަނީ އެމީހާ ވަޒީފާ އިން ވަކިކޮށް ގައުމަށް ފޮނުވާލުމަށެވެ. އަނބުރާ ގައުމަށް ފޮނުވާލުމަށް ނިންމީ ޓީޗަރުގެ އެ އަމަލާއި ގުޅިގެން އެ ރަށުގައި އާންމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ ވާތީ އޭނާގެ ރައްކަލަކަށް ޓަކައި ކަމަށް ހަނިމާދޫ ސްކޫލް ޕްރިންސިޕަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ފަލަސްތީނާއި އިސްރާއީލްގެ ޒަމާންވީ ހަމަނުޖެހުންތަކުގައި އަބަދުވެސް ރާއްޖެ ތާއީދު ކުރަނީ ފަލަސްތީނުގެ މުސްލިމުންނަށެވެ. އެކަން ރާއްޖޭގައި މަސައްކަތް ކުރާ އެހެން ދީންތަކުގެ ބިދޭސީންނަށްވެސް އޮޅިފައެއް ނޯންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް