ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ހިންގާ އަމަލަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް: ޚުތުބާ

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ އަމަލަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް  މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ހުކުރު ޚުުތުބާގައި ބުނީ މުސްލިމުންގެ ބިމަކަށް ކާފަރުން އ...

21 May 2021 | 10:34

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ އަމަލަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް  މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ހުކުރު ޚުުތުބާގައި ބުނީ މުސްލިމުންގެ ބިމަކަށް ކާފަރުން އަރައި، އެ ބިން ފޭރިގަނެފިނަމަ އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކަށް އިޖާބަދީ، އެ ބުން މިނިވަން ކުރުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ޚުތުބާގައި ބުނީ ގުދުސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންޢާނީ ގަބީލާގެ ޔަބޫސީން ކަމަށެވެ. އެއީ އީސާގެ ފާނު ދުނިޔެ އަށް ވަޑައިގަތުމުގެ 3،500 އަހަރު ކުރިން ކަމަށާއި އަރަބިން އެ ބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރައިލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޒާ ދަރިކޮޅުގެ މީހުން އެ ބިމަށް ގޮސް ބަނޑަހަޖެހި ކަމަށެވެ.

ފުރަތަމަ ބޮޑުހަނގުރާމައަށްފަހު، ފަލަސްތީނު އިނގިރޭސިންގެ ދަށަށް ދިޔައީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނެތުމުން ކަމަށް ޚުުުތުބާގައި ބުންޏެވެ. އަދި ޔަހޫދީންެގެ ހީލަތްތެރިކަމުން، ފަލަސްތީނުގައި އެމީހުންގެ ވަތަނެއް އުފެއްދުމަށް އެހީވުމުގެެ ވައުދެއް އިނގިރޭސިން އަތުން ހޯދި ކަމަށާއި، އެ ވައުދާ ގުޅިގެން ދުނިޔޭގެ އެތަން މިތަނުގައި އުޅުނު ޔަހޫދީން، ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަން ކުރުވި ކަމަށް ޚުތުބާގައި ފާހަގަ ކުރި އެވެ. ދެން އިނގިރޭސިންނާއި ހުޅަނގުގެ ގައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްތީނުގެ ބިމަށް ގަދަވެގަތްކަންވެސް ޚުތުބާގައި ފާހަގަ ކުުރި އެވެ.

ޔަހޫދީން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު އަރަބިންނާއި އިސްރާއިލާ ދެމެދު ކުރި ހަނގުރާމާގައި ކަމަށާއ ހަ ދުވަހުގެ އެ ހަނގުރަމާގައި ހިފި އެ ބިން އިސްރާއިލުން ހިފާފައި އޮންނަ އޮތުމާ ބައިނަލްއަގުވާމީ މުޖުތަމައުވެސް ދެކޮޅުހަދަމުންދާއިރު އިސްރާއިލުން ބުނަމުން ދަނީ އެއީ ހިފާފައިވާ ބިމެއް ނޫން ކަމަށެވެ. އަދި އެއީ އިސްރާއިލާ ވަކިކުރެވޭނެ ބިމެއް ނޫންކަމަށް އެމީހުން ބުނަމުންދާ ކަމަށް ވެސް ޚުތުބާގައި ފާހަގަ ކުރިއެވެ.

ހުކުރު ޚުުބާގައި ބުނީ އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް 1980 ގައި އެމީހުން ކަނޑައެޅި ކަމަށެވެ. އދ. ގެ އާންމު މަޖިލީހުން އެތައް ފަހަރަކު އެކަން ކުށްވެރި ކުރި ނަމަވެސް އެމެރިކާގެ ނުފޫޒުގެ ސަަބަބުން އިސްރާއިލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދުނިޔެ ނުކުޅެދިފައިވާކަން ވެސް ޚުތުބާގައި ފާހަގަ ކުރި އެވެ.

ޚުތުބާގައި ބުނީ ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ އަމަލަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް