ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާ ވެސް ބޮޑު ލޮޅުމެއް: ފަތުރުވެރިންގެ އަދަދު ދަށަށް!

ކޯވިޑް-19ގެ ހާލަތު ގޯސްވުމުން، ދިވެހިރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށް ވެއްޖެ އެވެ. އަހަރު ފެށުނު އިރު އެވްރެޖުކޮށް 3،000 އަށްވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ...

21 May 2021 | 09:38

ކޯވިޑް-19ގެ ހާލަތު ގޯސްވުމުން، ދިވެހިރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށް ވެއްޖެ އެވެ.

އަހަރު ފެށުނު އިރު އެވްރެޖުކޮށް 3،000 އަށްވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ދިވެހިރާއްޖެ އައެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދިޔަ އިންޑިއާގައި ބަލިމަޑުކަން އިތުރުވެ، އެ ގައުމުން ފަތުރުވެރިން އައުން ހުއްޓާލާފައި އޮތުމުންނާއި ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއެކު ޔޫރަޕުގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެ އަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 435،025 ފަތުރުވެރިން ދިވެހިރާއްޖެ އައިސްފައި ވެއެވެ. ފަތުރުވެރިން އެވްރެޖުކޮށް 9 ދުވަސް ދިވެހިރާއްޖޭގައި ހޭދަ ކުރާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާ އެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 99،645 ފަތުރުވެރިން އައިސްފައި ވެއެވެ. އިންޑިއާ އިން 89،301 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން 23،311 ފަތުރުވެރިން، ޔޫކްރެއިން އިން 22،978 ފަތުރުވެރިން އަދި ކަޒަކިސްތާނުން 16،603 ފަތުރުވެރިން އައިސްފައި ވެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު 47،391 އެނދު އޮޕަރޭޝަނުގައި އެބައޮތެވެ.

ސަރުކާރުން އަމާޒު ހިފާފައި އޮތީ އަހަރުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރިން  ގެނައުމަށެވެ. ނަމަވެސް ބަލިމަޑުކަމުގެ ހާލަތާއެކު، އެންމެ މުހިއްމު މާކެޓުތަކުން ފަތުރުވެރިން އައުމުގައި އޮތް ދަތިތަކުގެ ސަބަބުން ޓޫރިސްޓު އެރައިވަލް ނަންބަރު މިވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް