ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެންމެ ފުރަަތަމަ ދަތުރުތައް ފަށާ ޤައުމުތަކުގެތެރޭގައި ރާއްޖެ ހިމެނިގެން ދިޔުމަކީ އުއްމީދެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ، ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޗައިނާ މާރކެޓް ހުޅުވާލާއިރަށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ޗައިނާ ހުޅުވާލެވިގެންދާއިރު، އެންމެ ފުރަތަމަ ކަނެކްޝަން އެޅޭ ޤައުމަކަށް ރާއްޖެވާނެ ކަމަށް ބެލެވޭ،" ރައްޒާން ވިދާޅުވިއެވެ.
ރައްޒާން ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުންވެސް ރާއްޖެއަށް އިތުރު މާރކެޓްތައް ހޯދާ، ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކޯވިޑް-19ގެ ކުރިން ޗައިނާއާއި ރާއްޖެއާ ދެމެދު ގިނަ އެއަރލައިންތަަކަކުން ދިޔައީ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިންވެސް ދިޔައީ ޗައިނާގެ އެކި ސިޓީތަކަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު 284029 ފަތުުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް