ފަލަސްތީނު މައްސަލައިގައި ރައީސް ނަޝީދާއި ދަރިކަނބަލުންގެ ހިޔާލު ތަފާތު!

އިސްރާއިލުން ފަލަސްތީނަށް ދެމުންދިޔަ ހަމަލާތަށް ހުއްޓާލުމަށް ގޮވާލައ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި "ޓޫ-ސްޓޭޓް ސޮލިއުޝަން"އާ ދެކޮޅުކަން އެ މަނިކުފާނުގެ ދަރި...

21 May 2021 | 08:45

އިސްރާއިލުން ފަލަސްތީނަށް ދެމުންދިޔަ ހަމަލާތަށް ހުއްޓާލުމަށް ގޮވާލައ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި "ޓޫ-ސްޓޭޓް ސޮލިއުޝަން"އާ ދެކޮޅުކަން އެ މަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޟީދުގެ ޓްވީޓަށް ރައްދުދެއްވައި މީރާ ވަނީ ބައްޕާފުޅާ މިކަމުގައި ހިޔާލު ތަފާތުކަން ހާމަކުރައްވާފައެވެ.

https://twitter.com/Gbgedhari1/status/1395637090713546753

ރައީސް ނަޟީދުގެ ދަރިކަނބަލުން މީރާ ވިދާޅުވީ، "ޓޫ-ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ދައުލަތެއް އުފެދުމަށް ތާއިދުކުރެވެން ނެތް ކަމަށެވެ. އަދި "ފަލަސްތީނަކީ، ފަލަސްތީން" ކަމަށާއި އެތަނުގައި އިތުރު ދައުލަތެއް އޮވެގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އޭގެ މާނައަކީ މިހާރު ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން ތިބި އިސްރާއިލުގެ ރައްޔިތުން އެ ގައުމުން ފައިބަން ޖެހުން ނޫން ކަމަށް މީރާ ވިދާޅުވިއެވެ.

މީރާ ވިދާޅުވީ ފަލަސްތީނާއި އިސްރާއިލް މިހާރު ވެސް އޮތީ ދެ ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީން މައްސަލައަށް އޮތް ހައްލަކީ ދެދައުލަތް އުފެއްދުމެވެ.

ޣައްޒާއަށް ހުއްޓާނުލާ އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތަކާއި ގުޅިގެން ފަލަސްތީން މިނިވަންކުރަން ގޮވާލާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ބިރުވެރި ހަމަލާތައް އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށެވެ.

އިޒްރޭލުން ޢައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށާއި، ދެކޮޅުވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޣައްޒާ ބަންދުކޮށްފައި އޮތްއޮތުން އުވާލާޖެހޭ ކަން ފާހަަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށްވެސް ދަތުރުފަތުރުކޮށް، ދިރިއުޅުމަށް މަސައްކަތްކޮށް، ދިރިއުޅެވޭނެ މަގެއް ފަހިވެގެންދާނީ އޭރުންކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހަމަޖެހުމަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ފަލަސްތީން ބިމުގައި ދެ ދައުލަތް އުފެއްދުން ކަމަށެވެ.

ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ރޭ ވަނީ އެއްބަސް ވެފައެވެ.

1948ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އެކި ސަރަޙައްދުތަކަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެގޮތުން ޙަމާސުން ދިން 4،000އަށްވުރެ ގިނަ ޙަމަލާތަކުގައި ޔަހޫދީންގެ ސިނާޢީ ސަރަޙައްދުތަކަށާއި އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެ ޙަމަލާތަކުގައި ޔަހޫދީންގެ 12 މީހުން މަރުވެ، 800އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމު ޤާއިމުކޮށްފައިވާ އިސްރާއީލަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ޙަމާސުން ދިން ޙަމަލާތަކުގައި 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސްވަނީ ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ފައިސާގެ އަގު ދަށަށް ނުދާ މިންވަރަށްވަނީ ދަށަށްގޮސްފައެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އިސްރާއީލުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވުމުން ޔަހޫދީންގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫވަނީ ތިން ގަޑިއިރުވަންދެން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވައިފައެވެ. އެއަށްފަހު ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް