ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލީ މިދިޔަ އަހަރު ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް ވައިގެ ބޯޑަރު ބަންދު ކުރުމުންނެވެ. މިދިޔަ އަހަރުގެ ޖުލައި 15 ގައި ވައިގެ ބޯޑަރު އަލުން ހުޅުވި ނަމަވެސް މިހާތަނަށް އެއާލައިންގެ ދަތުރުތައް އޮތީ ނުފަށައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ސައުދިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށީ އިއްޔެ ކަމަށެވެ. އަދި އެއާލައިނުން ރާއްޖެއަށް ހަފްތާ އަކު ހަތަރު ދަތުރު ކުރާނެ ކަމަށް ބުނެ އެވެ.
އެމްއޭސީއެލްއިން ވަނީ ސައުދުއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ސައުދިއާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ބާއްވަނީ އެ ގައުމުގެ ވެރިރަށް ރިޔާދުންނެވެ. ރާއްޖެ އާއި ސައުދީއާ ދެމެދު މި އެއާލައިނުން ސީދާ ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.
ސައުދިއާއިން ރާއްޖެއަށް ސީދާ ދަތުުރުތައް ފެށީ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާން ފެށުމުންނެވެ. އެގޮތުން ދަތުރުތައް ފެށިތާ އަހަރު ދުވަސް ތެރޭގައި ސައުދިއާއިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ އިތުރުކޮށްފަ އެވެ.
ކޯވިޑާއި ގުޅިގެން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލި ގިނަ އެއާލައިންތަކުން ވަނީ އަލުން ދަތުރުތައް ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް