ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް ހޮނިހިރު ދުވަހު ވާދޫގައި ހަރަކާތެއް!

ފަލަސްތީނާއެކު ރ. ވާދޫ“ގެ ނަމުގައި ހޮނިހިރު ދުވަހު އެއްވުމެއް ބާއްވަަން ނިންމައިފިއެވެ. މިކަމަކީ ރައްޔިތުންގެ ތެރޭން ބަޔަކު އިސް ނަގައިގެން އިންތިޒާމްކުރާ ހަރަކާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހަރ...

21 May 2021 | 05:51

ފަލަސްތީނާއެކު ރ. ވާދޫ“ގެ ނަމުގައި ހޮނިހިރު ދުވަހު އެއްވުމެއް ބާއްވަަން ނިންމައިފިއެވެ.

މިކަމަކީ ރައްޔިތުންގެ ތެރޭން ބަޔަކު އިސް ނަގައިގެން އިންތިޒާމްކުރާ ހަރަކާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ރ. ވާދޫ ބަނދަރު ސަރަހައްދުގައެވެ. މި އެއްވުމަށް ރ. ވާދުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ދަޢުވަތު ދީފައިވެއެވެ.

ފަލަސްތީންގެ މުސްލިމުންނަށް ކުރަމުން އަންނަ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ މި ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ރޭ ވަނީ އެއްބަސްވެފައެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އިސްރާއީލުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވުމުން ޔަހޫދީންގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫވަނީ ތިން ގަޑިއިރުވަންދެން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވައިފައެވެ. އެއަށްފަހު ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

މީގެ 11 ދުވަސް ކުރިން ގެއްލުން ބޮޑު ހަނގުރާމައެއް ޙަމާސާއި އިސްރާއީލުން ފަށައިފައިވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށްފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭންފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 232 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް