ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ ފިލްމު "މައިދާން" ގެ ޝޫޓިން އިތުރަށް ދިގުލައިގެންދާ ގޮތް ވެއްޖެ އެވެ.
މިދިޔަ އަހަރު މަސައްކަތް ފެށުމަށް ފަހު ފިލްމު "މައިދާން" ގެ ޝޫޓިން ހުއްޓާލަން ޖެހުނީ ކޯވިޑާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުންނެވެ. އޭގެ ފަހުން މިއަހަރު ތެރޭގައި މަސައްކަތް ފެށިތަނާހެން އަނެއްކާވެސް ކޯވިޑް ފެތުރުން އިތުރުވެ މަހާރާޝްޓްރާ ލޮކްޑައުނަށް ދިއުމުން ފިލްމުގެ މަސައްކަތް ވަނީ މެދުކަނޑާލާފަ އެވެ.
ފިލްމު "މައިދާން"ގެ މަސައްކަތް މިފަހަރު އަލުން ނުފެށިގެން އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު މުމްބާއީއަށް އެރި ތޫފާން ޓައުޓޭގައި އެ ފިލްމުގެ ސެޓު އެއްކޮށް ވަނީ ހަލާކުވެފަ އެވެ. މުމްބާއީގައި ގިނަ ފިލްމުތަކެއް ޝޫޓު ކުރާ ސްޓޭޑިއަމްއެއްގައި އެ ފިލްމުގެ ސެޓު ހަދާފައިވަނީ 16 އޭކަރުގެ ސަރަައްދެއްގައި އެވެ.
ތޫފާން އެ ސަރަހައްދަށް އެރި އިރު ސެޓު ބަލަހައްޓަން އަދި ލިބިދާނެ ގެއްލުން ކުޑަކުރުމަށް 40 މީހުން ހަރަކާތްތެރިވި އިރު އެމީހުންނަށް ގެއްލުމެއް ނުލިބުނު ނަމަވެސް ސެޓުގައި ހަދާފައިވާ ތަންތަން ރައްކާތެރި ކުރުމަށް ތޫފާނުގެ ބާރުގަދަ ކަމުން އެއްވެސް ކަމެއް އެމީހުންނަކަށް ނުކުރެވުނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހަދާފައިވާ އެކި ހިޔާތައް ވަނީ ހަލާކުވެ އެއްކޮށް ބިމާ ހަމަވެފަ އެވެ. އަދި މުޅީ ސަރަހައްދުގައި ފެންބޮޑުވެފައިވެ އެވެ.
ލިބުނު ގެއްލުމާއި ގުޅިގެން އަނެއްކާވެސް އެ ފިލްމުގެ މަސައްކަތް ވަނީ އިތުރަށް ލަސް ކުރަން ޖެހިފަ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ "މައިދާން" ގެ މަސައްކަތް ނިމުން ލަސްވި ނަމަވެސް މަސައްކަތް ނިންމައި ފިލްމު ރިލީސް ކުރަން ގަސްދު ކުރަނީ ސިނަމާތަކުގައި ކަމަށާއި އަވަހަށް ރިލީޒް ކުރުމުގެ ބޭނުމުގައި އޮންލައިންކޮށް ފިލްމު ރިލީޒް ނުކުރާނެ ކަމަށެވެ.
ފިލްމު "މައިދާން" އަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކޯޗު ސައީދު އަބްދުއް ރަހީމްގެ ބަޔޮގްރަފީ އެކެވެ. އަޖޭ އެ ފިލްމުގައި ކުޅެނީ ސައީދުގެ ރޯލެވެ.
އަމިތް ޝަރްމާ ޑައިރެކްޓު ކުރާ ފިލްމު "މައިދާން" ރިލީޒް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު އެވެ. އެކަމަކު ކަން ދިމާވި ގޮތުން މި ތާރީހުގައި ފިލްމު ރިލިޒް ކުރެވިދާނެ ކަމައި މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް