މާލޭގައި ކޮންޓެކްޓު ޓްރޭސިން ހަދާއިރު ދެން ބަލާނީ ހައި ރިސްކު މީހުންނަށް އެކަނި

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދާއިރު ދެން އެއްކުރާނީ ހައި ރިސްކު މީހުންގެ މައުލޫމާތު އެކަނި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ހައި ...

21 May 2021 | 04:32

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދާއިރު ދެން އެއްކުރާނީ ހައި ރިސްކު މީހުންގެ މައުލޫމާތު އެކަނި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހައި ރިސްކު ކެޓަގަރީގެ ގޮތުގައި ބަލަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އަދި ދިގުމުއްދަތަކަށް ބޭސް ބޭނުން ކުރާ މީހުންނެވެ. ބޮޑެތި ބަލިތަކުގެ ތެރޭގައި ކެންސަރު، ފުއްޕާމޭގެ ބަލިތައް، ކިޑްނީ ފެއިލްވުން ފަދަ ބަލިތައް ހިމެނެ އެވެ.

އެޗްއީއޯސީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި ހަރަކާތްތެރިވާ އާމިނަތު އަރޫޝާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަރޫޝަ ވިދާޅުވީ މާލެ ސަރަހައްދުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެއިން ކޮންމެ މިހަކާ ގުޅައި، ކޮންޓެކްޓުން ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ.

އެހެން ވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ލަސްވެ، ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓުވެފައިވާ ހައި ރިސްކް މީހުން ދެނެގަނެ އެ މީހުންނަށް ބޭނުންވާ ހިދުމަތް ދޭން ލަސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އުސޫލު އެގޮތަށް ބަދަލު ކުރުމުގެ ބޭނުމަކީ ހައި ރިސްކް މީހުން ވީހާވެސް އަވަހަކަށް ދެނެގަނެ އެމީހުންނަށް ބޭނުންވާ ފުރިހަމަ ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން ކަމަށެވެ.

މާލޭ ސަރަހައްދުގައި ހައި ރިސްކް މީހުންގެ މައުލޫމާތު އެކަނި އެއްކުރިޔަސް، ޕޮޒިޓިވްވެފައިވާ މީހުންނާއި އެއް ތަނެއްގައި އުޅޭ މީހެއް ނަމަ، އެމީހަކު އަމިއްލައަށް ރިޕޯޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަރޫޝާ ވިދާޅުވި އެވެ.

މާލޭގައި ކޮންޓެކު ޓްރޭސިން ހަދާ އުސޫލަށް ބަދަލު ގެނަޔަސް އަތޮޅު ތެރެއާއި ރިސޯޓުތަކުގައި ކޮންޓެކްޓު ޓްރޭސިން ހެދުމުގައި އަމަލު ކުރާނީ ކުރިން ކުރިން އަމަލު ކުރަމުން އައި އުސޫލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް