ގައުމީޓީމުގެ ފަރިތަކުރުންތައް ހޮޓެލް ޖެންގެ އެތެރޭގައި ފަށައިފި

ވޯލްޑް ކަޕާއި އަދި އޭޝިއަންކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ހޮޓެލް ޖެންގައި ކޭމްޕްކޮށްގެން ތިބި ރާއްޖޭގެ ގައުމީ ޓީމަ ހޮޓެލްގެ އެތެރޭގައި...

20 May 2021 | 20:50

ވޯލްޑް ކަޕާއި އަދި އޭޝިއަންކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ހޮޓެލް ޖެންގައި ކޭމްޕްކޮށްގެން ތިބި ރާއްޖޭގެ ގައުމީ ޓީމަ ހޮޓެލްގެ އެތެރޭގައި ފަރިތަކުރުންތައް ފަށައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް ހޮޓެލް ޖެންގައި ފަށާފައިވާ ކަމަށާއި އަދި މިއީ ވޯލްޑް ކަޕާއި، އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވާ ޓީމްތަކުގެ ތެރެއިން ރާއްޖޭގެ ގައުމީޓީ މަކީ ބޯލްރޫމެއްގެ ތެރޭގައި ތިބެގެން ފަރިތަކުރުންތައް ކުރިއަށްގެންދާ ހަމަ އެކަނި ޓީމަށް ވެދާނެ ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ހޮޓެލް ޖެންގެ ބޯލް ރޫމެއްގެ ތެރޭގައި ފަރިތަކުރުންތައް ކުރިއަށްގެންދާ ވީޑިއޯ ކްލިޕްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބައްސާމް ވިދާޅުވީ ގައުމީ ޓީމު ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ތިބީ ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެންވެސް ގައުމަށް ރީތި ނަން ހޯދައިދޭން ތައްޔާރަށްކަމަށާއި ހޮޓެލް ޖެން އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.ެ

“ގައުމީ ޓީމު ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ތިބީ ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެންވެސް ގައުމަށް ރީތި ނަން ހޯދައިދޭން ތައްޔާރަށް . ހޮޓެލް ޖެން އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.” ބައްސާމް ވިދާޅުވެފައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޓެލް ޖެންގެ ތެރޭގައި ގައުމީޓީމުގެ ފަރިތަކުރުންތައް ފެށީ ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމުގެ ހުއްދައަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުދިނުމުންނެވެ.

https://twitter.com/bassam_jaleeI/status/1395390664528048132

މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ސެންޓްރަލައިޒްކޮށްގެން ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗްތައް ޗައިނާގައި ކުޅެން ހަމަޖެހިފައިވާއިރު މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ހޮޓެލް ޖެންގައި ކޭމްޕްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ކޮލިފައިން މެޗްތަކަށް ޗައިނާއަށް ފުރުމުގެ ކުރިން ދުބާއީގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށްގެންދިއުމައް ވެސް އެފްއޭއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ އަންނަ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު މިވަގުތު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާއި އެކު ޗައިނާ އެވެ. ޗައިނާއާއި އެއް އަދަދަކަށް ފިލިޕީންސަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ޗައިނާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު މި ގުރޫޕުގެ ހަތަރު ވަނައިގައެވެ. އެއްވެސް ޕޮއިންޓެއް ނުލިނި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ގުއާމްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް