އޭޑީކޭ ހޮސްޕިޓަލް ފާހާނައިގަ ފިސްތޯލަ ބޭއްވުނު ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވި އިރު އެތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މ...

20 May 2021 | 20:22

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވި އިރު އެތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މީހަކު ސަސްޕެންޑްކޮށްފި އެވެ.

ހޮސްޕިޓަލް ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނުކަން ހާމަވީ އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލަ އެކެވެ.

މި މައްސަލައިގަ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް މީޑިއާގައި ވިދާޅުވީ އެތަނުގައި ފިސްތޯލަ ބޭއްވުނީ ސިފައިންގެ މީހަކަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ސިފައިންގެ މީހާ ވަނީ ޑިއުޓީތަކުން އެއްފަރާތްކޮށްފައި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިލިޓަރީ ޕޮލިހުން މައްސަލަ ބަލައި، އިތުރަށް ތަހުގީގުކުރުމަށް އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ފިސްތޯލަ ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް