ހަމަލާތައް ހުއްޓާލައި ހައްޤުތައް ހޯދައި ދިނުމުގައި ފަލަސްޠީންގެ ކުދިން ބާކީނުރުމަށް ޝާހިދު ގޮވާލައްވައިފި

ދުނިޔޭގެ ހުރިހާ ކުދިންނަށް ކޮންމެ ޙައްޤެއް ކަށަވަރު ކޮށްދިނުމަށް ކުރާ މަސައްކަތުގައި، ފަލަސްޠީނުގެ ކުދިން ބާކީ ކޮށްގެން ނުވާނެ ކަމަށާއި، ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ދިވ...

20 May 2021 | 19:55

ދުނިޔޭގެ ހުރިހާ ކުދިންނަށް ކޮންމެ ޙައްޤެއް ކަށަވަރު ކޮށްދިނުމަށް ކުރާ މަސައްކަތުގައި، ފަލަސްޠީނުގެ ކުދިން ބާކީ ކޮށްގެން ނުވާނެ ކަމަށާއި، ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ. ފޮރީންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިވެހި ރާއްޖެ ތަމްސީލު ކުރައްވާ މިހެން ގޮވާލައްވާފައި ވަނީ އދ ގެ 67 ވަނަ އާންމު ޖަލްސާއިގައި ބުރާސްފަތި ދުވަހުގެ ރޭ ތަޤްރީރު ކުރައްވަމުންނެވެ.

ކުޑަކުދިންނަކީ އދ އިން އެންމެ ބޮޑަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވީ ހިނދު،60 ހަށްވުރެ ގިނަ  ކުޑަކުދިންތަކެއް އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.އަދި ގިނަ ކުޑަކުދިން ޒަޚަމްވެ، ކުށަކާއި ނުލައި ގިނަ ކުޑަކުދިން ޖަލަށް ލުމާއި އެކުދިންނަށް އެކި އެކި ހާނިއްކަ އިސްރާއީލުގެ ސިފައިން އަމާޒު ކުރުުމުގެ ސަބަބުން، މުޅި އުމުރަށް ދެމިގެންދާ ފަދަ ނަފްސާނީ ބަލިތަކާއިވެސް މި ކުދިން ކުރިމަތިލާން ޖެހިފައިވާ ކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ ކުޑަކުދިން ރައްކާތެރި ކުރުމަކީ ބައިނަލްއަޤްވާމީ މުޖްތަމައުގެ ޒިންމާއެއް ކަަމަށާއި،މި ކަމުގައި އެއްވެސް ކުއްޖެއް ބާކީ ވިޔަދީގެން ނުވާނެ ކަމަށެވެ.

ކުޑަކުދިން ހިމެނޭހެން ކުށެއް ނެތް އެތައް ބަޔަކު ޝަހީދު ވަމުން ދާ ކަމަށާއި، މިއީ އިސްރާއީލުގެ އިސްތިޢުމާރުގެ ދަށުގައި ފަލަސްޠީނު ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން ވެއެތުވާ ގޮތް ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.އަދި ދިވެހި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން، ފަލަސްޠީނުގެ ޙާލަތާއި މެދު ކަން ބޮޑުވެ ހިތާމަކުރާ ކަމަށާއި، ހަރުކަށި އިބާރާތުން އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ދިވެހި ރާއްޖޭން ކުށްވެރި ކުރާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޣައްޒާ ސިފަ ކުރައްވާފައިވަނީ ދުނިޔޭގައި ހުރި އެންމެ ބޮޑު ޖަލުގެ ގޮތުގައެވެ.ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ އެތަކެއް ޖީލުތަކެއް އިސްރާއީލުގެ އިސްތިޢުމާރުގެ ދަށުގައި ޣައިދުވެފައި ވާތާ އެތަކެއް އަހަރު ވެފައިވާ ކަމަށާއި، ވެއެތުވެ ދިޔަ ހަފްތާ ތެރޭ ފަލަސްޠީނު ރައްޔިތުންނަށް އިސްރާއީލުން ކުރިމަތި ކޮށްފައިވާ ފިއްތުންތައް އިތުރު ވެފައިވާ ކަމަށެވެ.މީގެ އިތުރުން، ފަލަސްޠީނު ރައްޔިތުންނަށް އަމިއްލަ ގެދޮރުގައި ރައްކާތެރިކަން ކަށަވަރު ނުވާކަމަށާއި،ކޮންމެ ދުވަހަކު އެ ޤައުމުގެ ރައްޔިތުން ހޭލަނީ އައު ދުވަހަކަށް ދިރި ދުނިޔޭގައި ބެހެއްޓެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރު ދަންނަވަމުން ކަމަށެވެ.މީގެ އިތުރުން، ޙުރުމަތްތެރި ވެގެންވާ މަސްޖިދުލް އަޤްޞާގައިވެސް ހަމަލާތައް އަމާޒުވެ، އަމިއްލަ ގެތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތުން އިސްރާއީލުން ފޭރެމުން ދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، އިސްރާއީލުން ފަލަސްޠީނުގެ ކުށެއް ނެތް އާންމުންނާއި އެމީހުންގެ ގެދޮރަށާއި، މީޑިއާތަކަށް އަމާޒުކޮށް ދޭ ހަަމަލާތަކާއި، އަދި އދ ގެ ފެސިލިޓީތަކަށްދޭ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.ކޮވިޑު 19 އާއި ގުޅިގެން އިޖްތިމާއި ގައިދުރު ކަމާއި އެކަހެރިވުން އާންމުވެފައި ވީ ނަމަވެސް، ޣައްޒާގެ އަހުލުވެރިން ގަދަ ކަމުން ދުނިޔޭގެ އެހެން ޤައުމުތަކާއި އެކަހެރި ކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޣައްޒާގައި ރައްކާތެރި އެންމެ ތަންފުކެއްވެސް ނެތް ކަމަށާއި، ޣައްޒާގައި ހުރި ހަމައެކަނި ކޮވިޑު ފެސިލިޓީވެސް އިސްރާއީލުގެ ބޮމުގެ ހަމަލާއެއްގައި ސުންނާފަތި ކޮށްލާ، ކޮންމެ ފަހަރަކު ހަމަލާތައް ހުއްޓާލާ ހިސާބުން ހުންނަނީ ހަމައެކަނި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބާކީކަމަށް ވިދާޅުވެ  މިނިސްޓަރު ކަންބޮޑުވުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ފަލަސްޠީނުގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެވިގެން ނުވާނެ ކަމަށާއި، އެ މީހުންނަށް މިހާރުން މިހާރަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.އެގޮތުން، ކާބޯތަކެއްޗާއި، ސިއްޙީ ވަޞީލަތްތަކާއި، ފިއުލްފަދަ ހަކަތައިގެ ބާވަތްތަކުގެ އިތުރުން ކޮވިޑު 19 ފެތުރުން ހުއްޓުވުމަށް ބޭނުންވާ ސާމާނު ވަގުތުން ފަލަސްޠީނަށް ފޯރު ކޮށްދިނުމަށްވެސް މިނިސްޓަރުވަނީ ގޮވާލައްވާފައެވެ.

ދިވެހިރާއްޖެ ޤަބޫލު ކުރާ ގޮތުގައި، ފަލަސްޠީނުގެ މައްސަލައަށް އޮތް ހަަމައެކަނި ހައްލަކީ ދާއިމީ ހައްލެއް ހޯދައި ދިނުން ކަމަށާއި، އެ ހައްލަކީ އެ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ޤާއުމް ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަން ހާސިލްވާނީ 1967 ބޯޑަރސްގައި ވާ ގޮތަށް ކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭން ގޮވާލަނީ،ފަލަސްޠީނަށް މިނިވަންކަމާއި ސިޔާދަތު ޤާއިމްކޮށް ދީ، އިރުމަތީ ޤުދުސް ފަލަސްޠީނުގެ ވެރި ރަށުގެ ގޮތުގައި އޮތުން ކަމަށްވެސް ޝާހިދުވަނީ ވިދާޅުވެފައެވެ.މެދު އިރުމަތީގައި ފުރިހަމަ ގޮތުގައި ޞުލްޙަ މަސަލަސްކަމާއި އަމާންކަން ހާސިލްވާނީ، ފަލަސްޠީނަށް އަމާޒު ކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓަލައިގެން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ރާއްޖެއިންވަނީ  ގޮވާލާފައެވެ. އަދި އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށް ދިނުމަށްވެސް ގޮވާލާފައިވެއެވެ.

އދ ގައ ކުރިއަށް މިހާރު ދާ އާންމު ޖަލްސާގައި މައިގަނޑު ބަހުސަކަށް އޮތީ ފަލަސްޠީނުގެ މައްސަލައެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލަށް ހަމަލާ ހުއްޓާލުމަށް ގޮވާލާފައިވާއިރު، އިސްރާއީލުން ބުނެފައިވަނީ މުޅި ޤުދުސް އެމީހުންގެ ދަށަށް ދިއުމުން ނޫނީ ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް