ގެރީގެ ބޮޑުކަމުދާތަކެތިން "ކަޅު ފަންގަސް" ޖެހުމަށް މެދުވެރިވާތީ އޭގެން ފެން ނުވެރުމަށް ޑަކުޓަރުން އިލްތިމާސްކޮށްފި

ގެރީގެ ބޮޑު ކަމުދާ ތަކެތިން ކަޅު ފަންގަސް (މިއުކޯމައިކޯސިސް) ޖެހުމުގެ ފުރުސަތު ބޮޑު ވުމާއިއެކު، އިންޑިއާގެ ރައްޔިތުން ގެރީގެ ބޮޑު ކަމުދާ ތަކެތިން 'ފެން ނުވެރުމަށް' އިންޑިއާގެ ޑޮކްޓަރުން އިލްތިމާސް ކޮށ...

20 May 2021 | 19:18

ގެރީގެ ބޮޑު ކަމުދާ ތަކެތިން ކަޅު ފަންގަސް (މިއުކޯމައިކޯސިސް) ޖެހުމުގެ ފުރުސަތު ބޮޑު ވުމާއިއެކު، އިންޑިއާގެ ރައްޔިތުން ގެރީގެ ބޮޑު ކަމުދާ ތަކެތިން 'ފެން ނުވެރުމަށް' އިންޑިއާގެ ޑޮކްޓަރުން އިލްތިމާސް ކޮށްފިއެވެ. ޑޮކްޓަރުންގެ މި އިންޒާރު އައިސްފައި މިވަނީ، އިންޑިއާގައި ކޮވިޑުން ސަލާމަތް ވުމަށް ގެރީގެ ބޮޑު ކަމުދާ ތަކެތި ބޭނުން ކުރަމުން އަންނަ މިންވަރު އިތުރު ވެފައިވާ ވަގުތެއްގައެވެ.

އިންޑިއާގެ ޑޮކްޓަރުން ވަނީ، ގެރީގެ ބޮޑު ކަމުދާ ތަކެތި، އެއްވެސް ބައްޔަކުން ސަލާމަތް ވުމަށް އެހީތެރިވާ ކަމުގެ ސައިންޓިފިކް ހެއްކެއް ހޯދިފައި ނުވާކަން ތަކުރާރުކޮށް ފާހަގަ ކުރައްވާ ފައެވެ.އަދި މިތަކެތީގެ ޒަރިއްޔާއިން ކޮވިޑު 19 ގެ ބަލި މީހުންނަށާއި، ހަކުރު ބަލި ހުންނަ މީހުންނަށް ކަޅު ފަންގަސް ޖެހުމުގެ ފުރުސަތު އިތުރުވާ ކަަމަށް ތަޙްލީލުތަކުން ދައްކާ ކަމަށްވެސް އިންޑިއާގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން އިންޑިއާގެ ގިނަ ބަޔަކު ގެރީގެ ބޮޑުކަމުދާ ތަކެތިން 'ފެންވަރާ' މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި މިކަމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ ގެރީގެ ބޮޑު ކަމުދާ ތަކެތި ގައިގާ އުނގުޅާ، ގެރީގެ ނަޖިހުން 'ފެންވަރަން' ފަށާފައެވެ.މި ކަން ނުކުރުމަށް ސިއްޙީ މާހިރުން އަންނަނީ ތަކުރާރުކޮށް ނަސޭޙަތްތެރި ވަމުންނެވެ. އަދި މިކަމުގެ ސަބަބުން މިޔުކޯމައިކޯސިސް ނުވަތަ ކަޅު ފަންގަސް ޖެހުމަށް މެދުވެރިވާ ކަން ޔަޤީންވާ ކަމަށާއި، ގިނަ ބަޔަކު މި ކަން ކުރުމުގެ ސަބަބުން މިޔުކޯމައިކޯސިސްގެ ކޭސްތައް އިތުރު ވެގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ ސިއްޙީ މާހިރުން އަންނަނީ މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި، ގެރިއަކީ މާތް ޖަނަވާރެެއް ކަމުން، ޒަމާނުއް ސުރެ، ގެރީގެ ބޮޑު ކަމުދާ ތަކެތި އެ މީހުންގެ ގެދޮރު ސާފު ކުރުމަށާއި، އަޅުކަމުގެ ކަންކަމުގައި އަންނަނީ ބޭނުން ކުރަމުންނެވެ.ނަމަވެސް ސައިންސް ވެރިންނާއި ޑޮކްޓަރުން ވަނީ ކޮވިޑު 19އަށް އެއްވެސް ބާވަތެއްގެ އަމިއްލަ ފަރުވާ ހޯދުމަކީ ކޮވިޑު އިތުރަށް ފެތުރުމުގެ އިތުރުން، ފުރާނައަށްވެސް ނުރައްކާ ވެދާނެ ކަމެއް ކަމުން، އެފަދަ ފަރުވާތައް ކޮވިޑަށް ނުހޯދުމަށް އިރުޝާދު ދީފައެވެ. އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑރ.ޖޭއޭ ޖަޔާލާލްވެސް މިކަމާއި ގުޅިގެން ވިދާޅުވެފައި ވަނީ، ގެރީގެ ބޮޑު ކަމުދާ ތަކެތިން ކޮވިޑު ބަލިން ފަސޭހަވާ ކަމުގެ އެއްވެސް މުޢުތަބަރު ސައިންޓިފިކް ހެއްކެއް މިހާތަނަށް ނެތް ކަަމަށާއި، އެ ތަކެތި މީހުން ބޭނުން ކުރަނީ ހަމަ އެކަނި ބޯދާ ޤަބޫލު ކުރުންތަކެއްގެ މައްޗަށް ބިނާ ކޮށްފައި ކަމަށް ވިދާޅުވެފައެވެ.އަދި ގެރީގެ ބޮޑު ކަމުދާ ތަކެތި ގައިގައި ހޭކުމާއި، ކެއުމުގެ ސަބަބުން ޖަނަވާރުގެ ކިބައިން ޖެހޭ އެހެނިހެން ބަލިތައްވެސް އިންސާނުންނަށް ޖެހުން ގާތް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ބްލެކް ފަންގަސް އިންފެކްޝަނަކީ، މިޔޫކޯމައިސިޓިސް ނަމަކަށް ކިޔާ ގުރޫޕެއްގެ މޯލްޑްއަކުން ޖެހޭ ބައްޔެކެވެ. މި ބާވަތުގެ ފަންގަސް ވަށައިގެން ވާ މާހައުލުގައި ވަރަށް ގިނަކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން، ވެލީގައާއި ގެރީގެ ބޮޑުކަމުދާ ތަކެތީގައިވެސް މި ފަންގަސް ހުރެއެވެ.

މި ފަންގަހުން އެންމެ ބޮޑަށް އަސަރު ކުރަނީ، ސިއްޙީ ކޮންމެވެސް މައްސަލައެއް ހުންނަ މީހުންނަށާއި، ބޭނުން ކުރަމުންދާ ބޭހެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނަށެވެ.އަދި ކޮރޯނާ ވައިރަސްގެ ސަބަބުންވެސް މި ފަންގަސް ޖެހެން މެދުވެރި ވެއެވެ. ކަޅު ފަންގަސް ހަށިގަނޑުގެ ތެރެއަށް ވައި އެތެރެ ކުރާ ކޮންމެ ދޮރަކުންވެސް ހަށިގަނޑަށް ވާސިލް ވެދާނެއެވެ. އެ ގޮތުން، ނޭފަތުންނާއި، ފުއްޕާމޭގެ އިތުރުން ސައިނަސްގެ ތެރެއިން ވެސް އެ ފަންގަސް ހަށިގަނޑަށް ފޯރައެވެ. އަދި މި ފަންގަސްގެ ސަބަބުން ލޮލަށާއި ސިކުނޑިއަށް ގެއްލުންވުން އެކަށީގެން ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް