އާޓިފިޝަލް ބީޗުގައި ބޮޑު ވަޅުގަނޑެއް ކޮނެގެން ސްޓްރެސް ފިލުވައިލާން އުޅުނު މީހަކު ހުއްޓުވައި ފުލުހުން އެމީހާ ލައްވައި އެ ވަޅަށް ވެލި އެޅުވި ހަބަރު މިދިޔަ ހުކުރު ދުވަހުގެ ރޭ ވާނީ ގެނެސްދީފަ އެވެ. މި ހަބަރު ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރިގެން ދިޔަ އެވެ.
ސޯޝަލް މީޑިއާގައި މި ހަބަރު ޝެއަރ ކުރި އިރު އެއްބަޔަކު ބުނެފައިވަނީ ސްޓްރެސް ފިލުވައިލާން ހޮރު ކޮނުން ނޫންކަމެއް ނެތީތޯ އެވެ.؟ ގިނަ ބަޔަކު އެކަމަށް ހަޖޫ ޖަހައި ޖޯކުވެސް ޖަހާފައި ވެ އެވެ.
ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ބައެއް މީހުން ގަބޫލު ކުރާގޮތުގައި ހޮރު ކޮނުމަކީ ހަމަ ހަގީގަތުގައިވެސް ސްޓްރެސް ފިލާ ކަމެކެވެ. އެކަން އެންމެ ބޮޑަށް ގަބޫލުކުރާ އެކަކީ ނެދަލެންޑްގެ ވެރިރަށް އެމްސްޓަޑަމް އަށް ނިސްބަތްވާ ލިއާން ވަޖިންސްމާ އެވެ. އޭނާ އަކީ އާޓިސްޓެކެވެ. އޭނާ އަންނަނީ ބޮޑު ބިޔަ ޕްރޮޖެކްޓެއްވެސް ހިންގަމުންނެވެ. އެ ޕްރޮޖެކްޓްގައި އޭނާ ކުރާ ކަމަކީ ހޮރު ކޮނުމެވެ. އެންމެ ވަޅެއް ނޫނެވެ. އެއް ހޮރު ކޮނެގެން އަނެއް ހޮރުން އެރޭ ވަރަށް ދުރުދުރުގައި ދެ ހޮރު ކޮނުމެވެ.
ލިއާން މި މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕްގެ އެކި ސަރަހައްދުތަކުގަ އެވެ. އޭނާ އެ މަސައްކަތްކުރާތާ މިހާރު ތިން އަހަރު ވެފައިވާއިރު ލިއާން ބުނަނީ ހޮރު ކޮނުމަކީ ސްޓްރެސް ފިލާ ކަމެކެވެ. "އެސްކޭޕް" މި ނަން ދީގެން ލިއާން ކުރިއަށްގެންދާ، ހޮރު ކޮނުމުގެ ޕްރޮޖެކްޓްގައި ޔޫރަޕްގެ އެކި ގައުމުތަކުގައި އޭނާ ވަނީ މިހާތަނަށް 14 ހޮރު ކޮނެފަ އެވެ. އޭނާ އަންނަނީ މި ޕްރޮޖެކްޓަށް ހާއްސަ ވެބްސައިޓެއް ތައްޔާރުކޮށް މި ޕްރޮޖެކްޓްގެ ވީޑިއޯތައްވެސް އާއްމު ކުރަމުންނެވެ.
ލިއާން މިހާތަނަށް ކޮނެފައިވާ ބައެއް ހޮރު ކޮނުމަށް އޭނާ ވަނީ 5 ގަޑިއިރާއި 10 ގަޑިއިރާއި ދެމެދުގެ ވަގުތު ހޭދަ ކޮށްފަ އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ލިއާން ބުނެފައިވަނީ ހޮރު ކޮނުމަކީ ސްޓްރެސް ފިލާ ކަމެއްކަން އެނގޭނީ އަޖުމަ ބަލައިލުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް