އައްޑޫ ސިޓީ ހިތަދޫ ދެކުނު ފަރާތަށް މިދިޔަ ބުދަ ދުވަހުގެ ރޭ އެރި ނަގޫރޯޅީގައި ގޭގެއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ސަރުކާރުން ހުރިހާ ހަރަދެއް ކުރާނެ ކަމަށް މި ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޑު އަށް ފޮނުއްވި ވަފުދުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.
ރޭގައި ޝާޑް ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ގޭގެއަށް ލިބުނު ލިބުނު ގެއްލުން މަރާމާތު ކުރުމަށް އަމިއްލަ ގޮތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށާއި އަދި ސަރުކާރުން އެ ގޭގެ މަރާމާތު ކުރުމުގެ މަސައްކަތް ވަަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.
ހިތަދޫއަށް އެރި ނަގޫރޯޅީގައި 29 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި 12 ގެއެއްގެ ފުރާޅު މަރާމާތު ކުރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ޝާޑް ވިދާޅުވިއެވެ.
އެންމެ ބޮޑަށް ގެއްލުންވި ގެތަކުގެ ތެރެއިން 9 ގެއަކަށް އިސްކަން ދީގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ އިރު، މިހާތަނަށް ޖުމުލަ 4 ގެއެއްގެ ފުރާޅުގެ މަސައްކަތް ވަނީ ނިމިފައެވެ.
މަރާމާތުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ އިން ލަކުޑި އާއި ޓިނާއި ސިމެންތި ނަގައިގެންނެވެ.
އެކި މުއައްސަސާތައް އެކުލެވޭ ގޮތަށް އަށްޑިހަ ވަރަކަށް މީހުންގެ ޓީމެއް އަމަލީ ގޮތުން މަރާމާތު ކުރުމުގައި މަސައްކަތް ކުރާ ކަމަށް ޝާޑް ވިދާޅުވިއެވެ. އަދި ރޯދައިގެ ކުރިން މަރާމާތުގެ މަސައްކަތް ނިމި، ގެއްލުންވި އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެތަކަށް ލިބުނު ގެއްލުމުގެ އިތުރުން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި އެހެނިހެން ތަކެއްޗަށް ލިބުނު ގެއްލުންތައް ކައުންސިލް މެދުވެރިކޮށް ލިސްޓް ކުރަމުން އަންނަ ކަމަށް ވެސް ޝާޑް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް