އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގަވާއިދުން ސީފޯމް ފުރުމަށް ފޮރިން މިނިސްޓްރީން ހަނދުމަކޮށްދީފި

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގަވާއިދުން ސީފޯމް ފުރުމަށް ފޮރިން މިނިސްޓްރީން ހަނދުމަކޮށްދީފި އެވެ. މިކަން ހަނދުމަކޮށްދީފައިވަނީ ފޮރިން މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ހަބަރެއްގަ އެވެ. މިނި...

21 May 2017 | 03:50

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގަވާއިދުން ސީފޯމް ފުރުމަށް ފޮރިން މިނިސްޓްރީން ހަނދުމަކޮށްދީފި އެވެ. މިކަން ހަނދުމަކޮށްދީފައިވަނީ ފޮރިން މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ހަބަރެއްގަ އެވެ.

މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން، އިންޑިއާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި އެފަރާތެއްގެ ނިދުމުގެ ކަންކަން ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް ގައިވާ "ސީ-ފޯމް" ފުރިހަމަކުރުމަކީ މިދެންނެވި ބިއުރޯއިން ލާޒިމްކުރާ ކަމެއްކަމުގައި އިންޑިއާއަށް ދަތުރުކުރައްވާ އެންމެހާ ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.

"ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ފުރިހަމަ ކުރަންޖެހޭނެ ކަމުގައި ދަންނަވަމެވެ. މިވާހަކަތައް މިދަންނަވާލީ، އިންޑިއާ އަކީ ގިނަ އަދެދެއްގެ ދިވެހިން ތަފާތު ބޭނުންތަކުގައި ޢާންމުކޮށް ދަތުރުކުރާ ޤަޢުމަކަށްވެފައި، މަތީގައި ދެންނެވި "ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑީއާ އަށް ދަތުރުކުރާ ދިވެހިންނަށް ބައެއްފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވޭތީއެވެ." ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ސީ-ފޯމް އަކީ އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ ފޯމެކެވެ. އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް (http://www.boi.gov.in/content/form-c) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެމައިން ނިދުމުގެ ކަންކަން ހަމަޖައްސާ ތަންތަނުގެ ތެރޭގައި ހޮޓާ، ގެސްޓްހައުސް، އަމިއްލަ ފަރާތްތަކުގެ ގެ އެޕާޓްމަންޓް، ޔުނިވަރސިޓީ، ހޮސްޕިޓަލް ފަދަ ތަންތަން ހިމެނޭ ކަމަށެވެ.

"އިސްވެ ދެންނެވި ތަންތަނުގެ ތެރެއިން ހޮޓާ، ގެސްޓްހައުސް، ފަދަ ޢާންމުކޮށް "އެކޮމަޑޭޝަން" ޚިދްމަތްދޭ ތަންތަނުން އެތަނެއްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް "ސީ-ފޯމް" ފުރިހަމަ ކުރެއްވި ނަމަވެސް، އަމިއްލަ ފަރާތްތަކުގެ ގެ، އެޕާޓްމަންޓް ނުވަތަ ކުއްޔަށް ހިފާފައިހުރި ގެއެއް ނުވަތަ އެޕާޓްމަންޓެއްގައި ނިދުމުގެ ކަންކަން ހަމަޖައްސާނަމަ، އެގެއެއް ނުވަތަ އެޕާޓްމަންޓެއްގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން މިދެންނެވި "ސީ-ފޯމް" ފުރިހަމަކުރެއްވުމަށާއި އަދި ދަތުރުވެރިޔާވެސް މިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ" މިނިސްޓްރީގެ ހަބަރުގައި ބުނެފައި ވެ އެވެ.

މިނިސްޓްރީން އިން އިތުރަށް ބުނެފައިވަނީ އިންޑިއާ އަށް ދަތުރުކުރާ ދިވެހިން، އެ ޤަޢުމަށް އެތެރެވާތާ 24 ގަޑިއިރު ތެރޭގައި ނިދުމުގެ ކަންތައް ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންއަށް ހުށަހަޅަންޖެހޭ "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، އެ ޤަޢުމުގެ އެންމެހާ ޤަވާއިދުތަކާއި ޢާންމު މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަދި އެ ޤަޢުމުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކާއި އިރުޝާދުތަކަށް ސަމާލުކަންދީ އެކަންކަމަށް ޢަމަލުކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވާ ކަމަށާއި އިންޑީއާގައި އުޅުއްވާއިރު ކޮންސިއުލަރ އެހީތެރިކަން ބޭނުންވާ ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ތިރީގައިވާ ދަންނަވާފައިވާ ނަންބަރަކާ ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދޭ ކަމަށެވެ.

މާލޭގައި ނަމަ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ހޮޓްލައިން: 7983400 އިންޑިއާގައި ނަމަ: 0091 9847702554

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް