ޚަބަރެއް ނުވެގެން ހޯދަމުންދާ "މާރިޔާ-3" ކޮޅުވެއްޓި ރޭ ފެނިއްޖެ ކަމަށާއި އޭގައި ތިބި ހަ މީހުންގެ ހާލުވެސް ރަނގަޅު ކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ކޮޅުވެއްޓި ފެނިފައިވަނީ ލާމު އަތޮޅު އިސްދޫމުލީގެ އިރު އުތުރުން 130 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި ކޮޅުވެއްޓި ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައި ކަމަށެވެ. ކޮޅުވެއްޓި ފެނުމާއެކު އެސަރަޙައްދުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީ ޝިޕް ކިރްޗް އަށް ވަނީ އެކަން އަންގާފައިވާކަމަށާއި އަދި އިންޑިއަން ނޭވީ ޝިޕް ކިރްޗް، ކޮޅުވެއްޓި އޮތް ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު މި މަނަވަރުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
""މާރިޔާ-3" ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންވެސް ސަލާމަތްތެރިކަމާއެކު ތިއްބެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ." އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުކުރަން އުނދަގޫ ވުމުން ކަމަށެވެ.
"މާރިޔާ-3" ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން މިމަހު 18 ވަނަ ދުވަހު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން، ވައިގެ މަގުންނާއި ކަނޑުގެ މަގުން މި ކޮޅުވެއްޓި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތައް ވަނީ ހުއްޓުމެއް ނެތި މަސައްކަތްކޮށްފައެވެ. އަދި މި އޮޕަރޭޝަނަށް އިންޑިއަން ނޭވީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް