ވާހަކަ: މަ ހާދަ ލޯބި ވެއޭ – 12 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ އަހަރެން ޝީންއާ ވަކިވީ މަސްލަހަތަށްޓަކާ. ޝީންގެ ސަބަބުން އަހަންނާ ލަމްހާއާ ދޭތެރޭގަ މައްސަލަ ޖެހެން ބޭނުން ނުވާތީ.  ހަމަ އެގޮތަށް އަހަރެންގެ ސަބަބުން ޝީންއާ އޭނާގެ ފިރިމީހާއާ ދޭތެ...

21 May 2017 | 03:11

ކުރީގެ އަދަދާއި ގުޅޭ

އަހަރެން ޝީންއާ ވަކިވީ މަސްލަހަތަށްޓަކާ. ޝީންގެ ސަބަބުން އަހަންނާ ލަމްހާއާ ދޭތެރޭގަ މައްސަލަ ޖެހެން ބޭނުން ނުވާތީ.  ހަމަ އެގޮތަށް އަހަރެންގެ ސަބަބުން ޝީންއާ އޭނާގެ ފިރިމީހާއާ ދޭތެރޭގަ ވެސް މައްސަލަ ޖެހެން ބޭނުން ނުވީ. . . ޝީން އަށް އެއްގޮތަކަށް ވެސް ނުގުޅާ، މެސެޖު ނުކޮށް ހުރެވުނީ އަހަރެންގެ ކިބައިގަ ނެތް ހިތްވަރު ކޮށްގެން. ކިތަންމެ މެސެޖެއް ލިޔުނިން. ކިތަންމެ ފަހަރަކު ގުޅަން ވެގެން ނަމްބަރު ޖެހިން. އެކަމަކު ހިތުގެ މައްޗަށް ބާރު ފޯރުވަމުން ކެތްތެރިވީ. ޝީންގެ މެސެޖަކަށް އިންތިޒާރު ކުރެވުނު އަދަދެއް ނޭނގެ! ޚަބަރެއް ނުވުމުން އަހަރެން ނިންމީ ޝީން އަހަރެން ދެކެ ކިތަންމެ ލޯބިވިޔަސް، އަހަންނާ ވަކިން ދިރިއުޅެން ދަސްކޮށްފިކަމަށް." ލަސްލަހުން، މަޑުމަޑުން ޒިޔާން ވާހަކަ ދެއްކި އެވެ.

"އަހަރެންގެ ހިތަށް އަރަނީ މި ހުރިހާ ދުވަހު ކީއްވެބާއޭ މިކަން އަހަންނަށް ސިއްރު ކުރީ؟" ނައުޝާދާ ކުރިމަތިލަމުން ޒިޔާން އެހިއެވެ.

"އަހަންނަށް މިކަން އެނގުނު ފަހުން އަދި މި ވީ އެންމެ އަހަރެއް! އަހަރެން ވަރަށް ވިސްނިން ޒިޔާނަށް މިކަން އަންގާނީތޯ ނުވަތަ މުޅި އުމުރަށް ސިއްރު ކުރާނީތޯ؟ އަހަރެންގެ ހުރިހާ ވެސް ބިރަކީ ނައުޝީން. އެ ދަރިފުޅު އަހަންނަށް ވަރަށް މުހިއްމު. އެއީ އަހަރެންގެ ހިތުގެ ދިރުން. ދިރިއުޅުމުގެ ހަމައެކަނި އުއްމީދު. އެންމެ ފުރަތަމަ އަހަރެން އުޅުނީ މިކަން މުޅި ދުނިޔެއަށް ސިއްރު ކުރަން. އެކަމަކު އެގޮތަށް ހިތް ނުރުހުނީ. ބޭނުންވީ ޒިޔާނަށް އަންގަން. ހިތް އެދުނީ ޒިޔާންގެ ރުހުމުގަ ނައުޝީން އަހަރެންގެ ބެލުމުގެ ދަށުގަ ބަހައްޓަން. އަހަރެން މިރަށަށް އައުމުގެ ބޭނުމަކީ ވެސް މިއީ."

ނައުޝާދުގެ ވާހަކަ އަޑުއަހާފައި ޒިޔާނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިނދެގެން އުޅުނު އަނބިމީހާ އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލުމުން ވެސް އެއްވެސް ޝަކުވާއެއް ނެތެވެ. ކޮށްގެން އުޅުނު ކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށް ނުވާ އިރުވެސް އަފުޝީންގެ މައްޗަށް އޭނާގެ ހިތް ސާފެވެ. ލިބުނު ދަރިފުޅަކީ އެހެން މީހެއްގެ ދަރިއެއްކަން އެނގޭ އިރުވެސް އޭނާ އެ ހުރީ ދަރިފުޅަށްޓަކައި ފިދާވުމަށް ތައްޔާރަށެވެ.

"ތިޔައީ ހިތްތިރި މާތް އިންސާނެއް! ޝީން ދެކެ ހަޤީޤީ ލޯބި މި ވެވުނީ އަހަންނަކަށް ނޫން. ނައުޝާދަށް. ހުރިހާ ކަމެއް އެނގިހުރެ ވެސް ނައުޝާދު އެ ދެމައިން ބަލައިގަނެފި. ހުރިހާ ކުށަކަށް މަޢާފު ކޮށްފި. ޝީންގެ ފިރިއެއްގެ މަޤާމު ހައްޤު ވަނީ ނައުޝާދަށް. ދަރިފުޅުގެ ބައްޕަގެ މަޤާމު ވެސް ހައްޤު ވަނީ ނައުޝާދަށް. އަހަރެން ތި ކުޑަކުޑަ އާއިލާގެ ތެރެއަށް ވަދެ މައްސަލަތަކެއް އުފައްދާކަށް ނެތިން. އެކަމަކު އެންމެ ފަހަރަކު އަހަންނަށް ނައުޝީންއާ ބައްދަލު ކޮށްލުމުގެ ފުރުސަތެއް ދީ!" ވަރަށް އާދޭހާހާ އެކު ޒިޔާން އެދުނެވެ. "އަފްޝީންގެ ކިބައިން ވެސް މަޢާފަށް އެދެން ބޭނުން."

"ހެޔޮހިތުން އަފޫ އަށް މަޢާފުކުރުން ނޫން އިތުރުގޮތެއް އަހަންނަކަށް ނެތް. . . އަދިވެސް ޒިޔާނަކަށް ހުރިހާ ކަމެއް ނޭނގޭ!" ނައުޝާދު ކުރިއަށް ދެތިން ފިޔަވަޅު އެޅިއެވެ. ޒިޔާން ހުރީ ވާނުވާ ނޭނގިފައެވެ. އިތުރަށް ނޭނގި އޮތީ ކޮން ކަމެއް ހެއްޔެވެ؟ ފާޅުވެގެން މިދިޔަ ހަޤީޤަތަށް ވުރެ ބޮޑު ކަމެއް އޮންނާނެ ހެއްޔެވެ؟

"އަފޫ އަހަރެމެންނާ ވަކިވެގެން ހިނގައްޖެ! އަބަދުގެ އަބަދަށް!" ދެ ލޯ މަރައިލަމުން ނައުޝާދު ބުންޏެވެ.

ޒިޔާންގެ ނާރުތަކުގައި ލޭ ހިނގުން ހިނދުކޮޅަކަށް ހުއްޓުނު ކަހަލަ އެވެ. އެތެރެހަށީގައި ނޭވާ ތާށިވި އެވެ. އޭނާގެ ދިރިއުޅުމާ ގުޅުން ހުރި އެ ފަދަ ބޮޑެތި ކަންކަން ހިނގާ ދިޔައިރު އޭނާ ކޮބާ ހެއްޔެވެ؟ އޭނާ އަށް އުޅެވުނީ މި ދުނިޔޭގައި ހެއްޔެވެ؟ ނުވަތަ އޮވެވުނީ ނިދާފައި ހެއްޔެވެ؟ މި ދިވެހި ރާއްޖެ އަކީ ކުޑަކުޑަ ތަނެކެވެ. އެ ފަދަ ކަމެއް ސިއްރުވެފައި އޮންނަ ވަރަށްވުރެ މުޅި ދުނިޔެ ތަރައްޤީވެ، ކުޑަ ވެއްޖެ އެވެ.

"ކޮންއިރަކު؟" ތުރުތުރުއަޅާ އަޑަކުން ޒިޔާން އެހިއެވެ.

"އެއީ މީގެ ދެ އަހަރު ކުރިން. އޭރު އަހަރެން ކިޔަވާ ނިމިގެން މާލެ އަށް ބަދަލުވެފަ މަހެއް ވެސް ނުވާނެ. . . ޒިޔާނަށް ވެސް ޚަބަރުތަކުން އަޑުއިވިފަ ކަންނޭގެ އޮންނާނީ. ބާރު ސްޕީޑްގަ ދުއްވާފަ ދިޔަ ސައިކަލަކުން ޖެހިފަ މާބަނޑު އަންހެނަކު މަރުވި ވާހަކަ"

އެއީ ތެދެކެވެ. ޒިޔާން އެ ޚަބަރު އަޑު އެހިއެވެ. އެކަމަކު އެއީ އަފްޝީން ކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ މާލެއާއި އަތޮޅުތެރޭގައި މަގުމަތީގެ އަކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދެއެވެ. ނުރައްކާތެރި އެކްސިޑެންޓް ތަކުގައި މީހަކު މަރުނުވާ ހަފުތާއެއް ނުދެއެވެ. އެ ފަދަ ޚަބަރުތަކަށް ދިވެހިން އާދަ ވެއްޖެ އެވެ. އެއީ މާ ބޮޑު، މާ މުހިއްމު ޚަބަރަކަށް ނުވެއެވެ. ޒިޔާނަށް ވެސް ވީ އެހެންނެވެ.

"އޭރު އަފޫ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ. ބަނޑަށް ދެ މަސް. ނައުޝީން އަށް ތިން އަހަރު. އެ ހިތާމައިގަ ދުވަސްތައް ހޭދަކުރަމުން ގޮސް ކުޑަކޮށް ހަމައަކަށް އެޅުނުތަނާ އަހަންނަށް އެ ފޮތް ފެނުނީ. ޒިޔާން ވިސްނާލަބަލަ އަހަންނަށް ވާނެ ގޮތް. މި ހިތަށް ކުރާނެ އަސަރު. . ." ނައުޝާދުގެ އަޑު ބެދުނެވެ. ކިތަންމެ ހިތްވަރުކުރަން މަސައްކަތް ކުރިޔަސް އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ.

ޒިޔާނަށް ހުރެވުނީ ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނޭނގިފައެވެ. އަދިވެސް އޭނާގެ ހިތަށް ލިބުނު ކުއްލި ސިހުން މުޅިން ފިލައިގެން ނުދެއެވެ. ހަމަހިމޭންކަމުގެ ވަގުތުތައް ދިގުދެމިގެން ގޮސް އެތަކެއް އިރެއް ވީފަހުން ޒިޔާނަށް އަނގައިން ބުނާނެހާ ހިތްވަރުލިބުނެވެ.

"މި ހުރިހާކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އަހަރެން. ކުށްވެރިއަކީ އަހަރެން. ނައުޝާދު ހެޔޮހިތުން އަހަންނަށް މަޢާފު ކޮށްދީ!" ނައުޝާދުގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ޒިޔާން އާދޭހާއެކު ބުންޏެވެ. "މިހާރު އަހަރެންގެ އަނތްބަކާއި ދަރިއަކު އެބަތިބި، އެ ދެމައިންގެ ކުރިމަތީގަ ވެސް އަހަރެން ވާނީ ބޮޑު ކުށްވެރިއަކަށް" ޒިޔާނަށް ލަމްހާއާ ދޭތެރޭގައި ވިސްނާލެވުނެވެ.

"އަހަންނަށް އެނގޭ! މިކަމުގެ ސަބަބުން ހައްލު ނުކުރެވޭ ވަރުގެ ބޮޑެތި މައްސަލަތަކެއް އުފެދޭނެ ކަން އަހަންނަށް ވިސްނޭ! އެކަމަކު މި ވާހަކަތައް އަފްޝީން ފޮތެއްގައި ލިޔެފައި އޮތުމުގެ ބޭނުމެއް އޮންނާނެ. މުޅި އުމުރަށް ސިއްރު ކުރަން އެދޭ ސިއްރެއް ނަމަ ކީއްކުރަން މި ހުރިހާ ވާހަކައެއް ލިޔަންވީ؟ މިއީ ސިއްރުކޮށްފައި ބާއްވާ ވަރަށް ވުރެ މާ ބޮޑު ކަމެއް! ނަސްލު އޮޅިފައި އޮތުމަކީ ދަރިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް!" ނައުޝާދު ދެކޭ ގޮތް ހާމަކުރިއެވެ. މިއީ މުޅި ދުނިޔެއަށް ފޮރުވިފައިވާ ފޮރުވުމެއް ނަމަވެސް މި ސިއްރު ކޮންމެހެން އެނގެންޖެހޭ ބަޔަކު އެބަތިއްބެވެ. އެހެން އެކަން ނުކޮށްފިނަމަ މާދަމާ ހިތާމަކުރަން ޖެހޭނެ އެވެ.

"ލަމްހާ އަށް އެއްވެސް ކަމެއް ވަންހަނާނުކޮށް ތެދަށް ކިޔައިދީ. ޒިޔާނާ ދިމާއަށް އިނގިލި ދިއްކޮށްފަ ތީ ބޭވެފާތެރިއެކޭ ބުނުމުގެ ފުރުސަތު ނުދީ" ނައުޝާދު ޒިޔާނަށް ހިތްވަރުދީ، ވިސްނައިދިނެވެ.

"އަހަންނަކީ ވަފާތެރި ފިރިއެއް ނޫން. އަހަންނާ ޝީންއާ ދޭތެރޭގަ ހިނގި ކަމެއް ހިނގީ އަހަރެން ލަމްހާއާ ރައްޓެހިވެގެން އުޅެނިކޮށް. އަހަރެންގެ ދިރިއުޅުމަށް ފުރަތަމަ އައީ ލަމްހާ. އެކަމަކު އަހަންނަށް ބޮޑަށް ލޯބި ވެވުނީ ޝީން ދެކެ" އެއީ ޒިޔާންގެ ހިތުގެ ސިއްރެއްގެ ގޮތުގައި ސިއްރު ކޮށްގެން އުޅުނު އެންމެ ބޮޑު ހަޤީޤަތެވެ. އަފްޝީންގެ ކުރިމަތީގައި ވެސް ހާމަކުރަން ނުކެރުނު ކަމެކެވެ. އޭނާގެ ހިތް ލަމްހާ އަށްޓަކައި ލޯބިން ފުރިފައި ވާނަމަ އަފްޝީން އަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ އެވެ. އެކަމަކު އަފްޝީން އަށްޓަކައި އެ ހިތުގައި އިންތިހާ ދަރަޖައިގެ ލޯބި އުފެދުނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ލަމްހާ އަށް ހަޤީޤަތް ކިޔާދީފަ އާދޭ ނައުޝީންއާ ބައްދަލު ކުރަން. އެކަމަކު އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބަ އޮތް. ނައުޝީންގެ ކުރިމަތީގައި އޭނާގެ ބައްޕަ އަކީ އަހަރެން. ޤާނޫނީ ގޮތުން ވެސް އޭނާގެ ބައްޕަ އަކީ އަހަރެން. އަހަރެންގެ އަތުން މި ކުޑަކުޑަ އުފާ އަތުލުމަށް ޒިޔާން މަސައްކަތް ނުކުރޭ. މިއީ އާދޭހެއް! ހިތުގެ އެންމެ ފުންމިނުން އެދޭ އެދުމެއް!" ޒިޔާނާ ސަލާމްކުރަން އަތްދިއްކޮލަމުން ނައުޝާދު އެންމެ ފަހުގެ އެދުން ހާމަކުރިއެވެ.

"އަހަންނަކީ ތި ހީކުރާ ކަހަލަ ހިތްހަރު، ރަހުމުކުޑަ މީހެއް ނޫން. އިހުސާންތެރިޔާ ނުދަންނަ ވަރުގެ ޖާހިލެއް ވެސް ނޫން." ޒިޔާން ބުންޏެވެ.

"ތީ ތެދެއް! އަފޫ އެމީހަކު ދެކެ އިންތިހާ އަށް ލޯބިވާނެ މީހަކީ ވަރަށް ހާއްސަ ސިފަތަކެއް ހުންނާނެ މީހެއް! އުޅުމުގައި ރަނގަޅު ގޮތަކެއް ހުންނާނެ މީހެއް! ހިތުގެ އަޑިން އަހަރެން އެކަން ޤަބޫލު ކުރަން. އަފޫ އަށްޓަކައި ޒިޔާނަށް މަޢާފު ވެސް ކޮށްފިން." ނައުޝާދު ޒިޔާނާ ވަކިވެގެން ދިޔައީ ހިތްހަމަ ޖެހިގެންނެވެ. ބޯމަތީގައި އޮތް ބަރު ހިލައެއް ނަގައި އެއްފަރާތް ކޮށްލެވުމުގެ އިހުސާސް ކުރަމުންނެވެ. ނައުޝާދު ދެކޭ ގޮތުގައި އޭނާ އަށް އޭނާގެ ވާޖިބު އަދާކުރެވިއްޖެ އެވެ. ދެން އޮތީ ޒިޔާނާއި ލަމްހާގެ މައްސަލައެވެ. އެ ކަން ކޮންމެ ގޮތަކަށް ވިޔަސް އޭނާގެ ދިރިއުޅުމަކަށް އޭގެ އަސަރެއް ނުކުރާނެ އެވެ. އެކަމަކު ޒިޔާނަށް ރަނގަޅު ގޮތް ވުމަކީ އޭނާ ބޭނުންވާ ގޮތެވެ. އެދޭ ގޮތެވެ.

ނިދަން ތައްޔާރުވެގެން ހުރި ނައުޝީން ގޮސް ނައުޝާދުގެ އުނގަށް ވަނެވެ. ނައުޝާދު އޮތީ ފޮތެއް ހިފައިގެން އެނދުގައި އޮށޯވެގެންނެވެ.

"ހާދަ މީރުވަސް ދުވައޭ! މާމަތަ ފެންވެރުވީ؟" ފޮތް ބޭއްވުމަށްފަހު ނައުޝީންއާ ލޯބިކޮށްލަމުން ނައުޝާދު ބުންޏެވެ.

ނައުޝީން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ނައުޝާދުގެ ގައިގައި ޖެހިފިތިގެން ކަހަލަ ގޮތަކަށް އޮށޯތެވެ.

"މިހާރު މާލެއަށް ދާ ދުވަސް ވަރަށް ބޮޑަށް އެބަ ކައިރިވޭ އިނގޭ! ޗުއްޓީ ނިމުނީ." ނައުޝީން އަށް ވިސްނައި ދިނުމުގެ ގޮތުން ނައުޝާދު ބުންޏެވެ.

"އެކަމަކު އަޅުގަނޑު މާލެ ދާހިތެއް ނުވެ. މާމައާ މުނާ ދައްތައާ ވަރަށް ރަނގަޅު. ހުރިހާ ކަމެއް ކޮށްދޭ. ޑެޑީ ހޮސްޕިޓަލަށް ދިޔައިމަ ވެސް އަޅުގަނޑު ފޫއްސެއްނުވޭ!" ނައުޝީންގެ ތުއްތު އަޑުން މުނާގެ ރަނގަޅު ވާހަކަ ދައްކަމުން ދިޔައެވެ.

ނައުޝީން އަށް ކުރެވޭ އިހުސާސް ނައުޝާދަށް ވިސްނެ އެވެ. އެ އުމުރުގެ ކުއްޖަކަށް މަންމައެއްގެ ލޯބި ނިހާޔަތަށް ބޭނުންވާނެ އެވެ. ނައުޝާދު ހޮސްޕިޓަލަށް ނުގޮސް ދުވަހުގެ ހުރިހާ ވަގުތެއް ނައުޝީން އަށްޓަކައި ހުސްކޮށްލިޔަސް މަންމަގެ މަޤާމު ފުރިހަމަކޮށް ނުދެވޭނެ އެވެ. އެކަމަކު ނައުޝީން އަށް ދޮންމަންމަ އެއް ހޯދައިދޭކަށް އޭނާގެ ހިތެއް ނުރުހެއެވެ. އޭނާ ދެ ވަނަ ކައިވެންޏެއް ކުރުމާ ދޭތެރޭގައި ނުވިސްނަނީ ވެސް އެހެންވެ އެވެ. ދެން އޮތީ އޭނާގެ ހަޔާތަށް އަންނަ އަންހެނަކަށް ނައުޝީންގެ ހަޤީޤަތް ކިޔައި ދިނުމެވެ. އޭރުން ދޮންދަރިއެއްގެ ނަޒަރަކުން ނުދެކޭނެ އެވެ. އެކަމަކު އޭނާ އަށް ދަރިން ލިބޭ ދުވަހަކުން ނައުޝީން އަށް އޭނާގެ ހިތުން ދެވިފައިވާ ލޯތްބާއި، ދަރަޖައަށް އުނިކަމެއް އަތުވެދާނެތީ އޭނާ ބިރުގަނެއެވެ. ނައުޝީން ބޮޑުވެ، ދުނިޔޭގެ އިމްތިހާނުތަކާއި އަމިއްލަ އަށް ކުރިމަތިލާން ދަސްވުމުން ނޫނީ ދެވަނަ ކައިވެންޏެއް ނުކުރުމަކީ އޭނާގެ އަޒުމެވެ.

"ޑެޑީ ބުނަންތަ ވަރަށް ރަނގަޅު ގޮތެއް! މާލެ ގޮސް މާމަ މެން ކައިރިއަށް ހުޅުމާލެ އަށް ބަދަލު ވާނީ. އޭރުން ދޮންތަ ވެސް، ޔޫން ބޭބީ ވެސް އުޅޭނެ އެއްނު؟" ނައުޝީން އެކަނިވިޔަ ނުދޭން މަންމަ ކައިރިއަށް ހުޅުމާލެ އަށް ބަދަލުވުމަށް ނައުޝާދު ނިންމިއެވެ.

"ޔެސް! އޭރުން ކޮންމެ ދުވަހަކު ޔޫން ބޭބީއާ އެކީގަ ކުޅެވޭނެ، ހުޅުމާލެ ސްކޫލަށް ވެސް ދެވޭނެ ދޯ!" ނައުޝީން އުއްމީދާއެކު ބުނެލިއެވެ.

ނައުޝާދު އާނއެކޭ ބުނަމުން ނައުޝީން ގަޔާލައި ބޮނޑިކޮށްލިއެވެ.

"ދަރިފުޅު ގޮވައިގެން ހިނގާލަން ދާން އަންނާނެ އަންކަލް އެއް! އެއީ ދަރިފުޅު ދެކެ ވަރަށް ލޯބިވާ އަންކަލް އެއް!" ކާކު ކަން ނޭނގޭ، ނުދަންނަ މީހަކާ އެކުގައި ދިޔުމަށް ނައުޝީން ދެކޮޅުހަދާނެކަން އެނގޭތީ ނައުޝާދު ކުޑަކޮށް ޒިޔާންގެ ވާހަކަދައްކާލިއެވެ.

ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ނައުޝާދަކަށް ޒިޔާންގެ ޚަބަރެއް ނުވެއެވެ. ލަމްހާ ކައިރީގައި އެ ވާހަކަ ދައްކަން ނުކެރިގެން އުޅެނީކަމަށް ހީކޮށް ނައުޝާދު ދެވަނަ ވިސްނުމަކަށް ދިޔައެވެ. ޒިޔާން ކަންތައްކުރާނެ ގޮތެއް އެނގޭނީ ޒިޔާނަށެވެ. ލަމްހާ އަށް އެކަން ސިއްރުކޮށްގެން ހުއްޓަސް ނައުޝާދަށް އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އެއްފަހަރު ނަމަވެސް ޒިޔާނަށް ނައުޝީންއާ ބައްދަލު ކޮށްލުމުގެ ފުރުސަތު ދޭންޖެހޭނެ އެވެ.

ހޮސްޕިޓަލުގައި އިނދެފައި ނައުޝާދު ޒިޔާނަށް ގުޅިއެވެ.

"ނައުޝީންއާ ބައްދަލުކުރަން އަންނާނަމޭ ބުނެފަ ޚަބަރެއްނުވީމަ ވީގޮތެއް ބަލައިލަން މި ގުޅީ" ނައުޝާދު ބުންޏެވެ.

"މި ހުންނަނީ ނައުޝީން ދެކޭ ހިތުން ކެތްމަދުވެފަ. މިއަދު ވެސް ދާން ބޭނުން. . . " ޒިޔާންގެ އަޑު ތަފާތެވެ. ވަރަށް ބޮޑަށް ރޯގާޖެހިފައި ހުރިހެން ހީވެ އެވެ.

"ދެން ކީއްވެ ނުގުޅީ؟" ނައުޝާދު އެހިއެވެ.

"އަހަރެން ބޭނުންވީ ލަމްހާގެ ރުހުމުގަ ދާން. އެކަމަކު އޭނާ އަހަރެން ދޫކޮށްލާފަ ހިނގައްޖެ!" ޒިޔާންގެ ހާލަތު ނައުޝާދަށް އިހުސާސް ކުރެވުނެވެ. "މިއަދު ދާނަން" ލަމްހާގެ ރުހުން ނުލިބުނަސް އިތުރަށް ލަސްކުރާކަށް ޒިޔާން ގަސްތެއްނުކުރިއެވެ. މާދަމާ ވެސް ނައުޝާދު ފުރައިގެން ހިނގައިދާނެ އެވެ.

"ނޫން. މިއަދަކު ނޫން. މާދަމާ ހަވީރު އާދޭ!" ވިސްނުމެއްގައި އިނދެފައި ނައުޝާދު ބުންޏެވެ.

*** ނުނިމޭ ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް