ރައީސް ނަޝީދު ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރާކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ން ނިންމާފައިވާއިރު އެ ނިންމުން އެގޮތަށް ނިންމީ ރައީސް ނަޝީދުގެ ބަޔާނާއި ހާދިސާ ހިނގި ވަގުތު މަންޒަރުދުއް ގިނަ ނޫސްވެރިންގެ ބަޔާންތަކަށް ރިއާޔަތް ނުކޮށްކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް އުފުލާފައިވާ ޓެރަރިޒމްގެ ދަޢުވާގެ ފުރަތަމަ އަޑުއެހުމަށް ފުލުހުންގެ ބަންދުގައި ބަހައްޓައި އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިނުވާކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން 2015 މެއި 20 ވަނަ ދުވަހު ނިންމާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމުގައި އަނިޔާ ލިބިވަޑައިގަތް ރައީސް ނަޝީދުގެ ބަޔާނަށާއި މި ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް ގިނަ ނޫސްވެރިންގެ ބަޔާންތަކަށް ރިޢާޔަތް ކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ކުރާ ޤާނޫނާ ޚިލާފް ކަންކަން ބަލައި ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ މިނިވަން މުއައްސަސާއެއް ކަމަށް އަދި ކޮމިޝަނުގެ ތަހްގީގުތައް ކުރުމުގައި ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ މުސްތަޤިއްލުކަމާއެކު ކުރިއަށް ގެންދެވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
ރައީސް ނަޝީދުގެ އޮފީހުގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދި ސިޔާސީ ވިސްނުމުގައި ފުލުހުންގެ މުއައްސަސާ ދިފާޢު ކުރުމުގެ ބަދަލުގައި އެމުއައްސަސާ އިސްލާހް ކުރެވޭނެ ގޮތަށް ވަކިވަކި ފުލުހުން ކުރާ ކުށްތައް ފޮރުވުމުގެ ބަދަލުގައި ކޮމިޝަންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރެއްވުމަށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް