ކޮމިއުނިޓީ ސަރވިސް ދަތުރެއްގައި މިހާރު ރާއްޖެ އައިސް އުޅޭ ޗައިނާގެ އެންގްލޯ-ޗައިނީޒް ސްކޫލްގެ ދަރިވަރުންނަށް ރާއްޖޭގެ ތިމާވެށީގެ ހާލަތާއި ބެހޭ މައުލޫމާތު ދިނުމަށް ސެމިނަރ އެއް ބާއްވައިފި އެވެ.
23 ދަރިވަރުން ބައިވެރިވި މި ސެމިނާގައި ދިރޭތަކެތީގެ ނަސްލުގެ މުހިއްމުކަމާއި، ހިމާޔަތްކުރެވިފައިވާ ދިރޭތަކެއްޗާއި، ރާއްޖޭގެ ފެނުގެ ވަސީލަތްތަކާއި އަދި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމާއި ބެހޭގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓޭކްޝަން އޭޖެންސީ (އީ.ޕީ.އޭ) އާއި ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒިފުން މައުލޫމާތޮ ފޯރުކޮށްދިނެވެ. އަދި އިއާދަ ކުރަނިވި ހަކަތައިގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދާގޮތުގެ މައުލޫމާތުވެސް ފޯރުކޮށްދީފައިވެ އެވެ.
މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގު އިބްރާހިމް ވަނީ އެ ދަރިވަރުންނާއި ބައްދަލު ކުރައްވާފަ އެވެ.
ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އާބާދީ މަދުވެ އޭގެ ނަސްލު ނެތިހިގައިދާނެކަމުގެ ބިރުހީވެފައިވާ ދިރުންތައް ރައްކާތެރިކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހިފައިވާކަމަށް ވިދާޅުވި އެވެ. އަދި ކޮންމެ ކުއްޖަކުވެސް ފަރުދީގޮތުން ތިމާވެއްޓާއި ރަހުމަތްތެރި އަމަލުތައް އިހްތިޔާރުކޮށް އަޅުގަނޑުމެން އެންމެން އުޅެމުންދާ ވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިސެމިނަރ ބާއްވާފައިވަނީ ސްކައުޓް އެސޯސިއޭޝަނާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް