މުސާރަ ދެވޭނެ ދުވަހެއް ނޭނގޭކަމަށް ވިލާއިން މުވައްޒަފުންނަށް އަންގައިފި

ވިލާ ކުންފުނީގެ މާލީ ހާލަތު ދަށްވެ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން އަންގައިފި އެވެ. ވޭތުވެ ދިޔަ މަހުގެ މުސާރަ މިހާތަނަށް ވެ...

21 May 2015 | 07:09

ވިލާ ކުންފުނީގެ މާލީ ހާލަތު ދަށްވެ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން އަންގައިފި އެވެ.

ވޭތުވެ ދިޔަ މަހުގެ މުސާރަ މިހާތަނަށް ވެސް ވިލާ ކުންފުނީގެ މުވައްޒަފުންނަށް ދީފައިނުވާ އިރު އެކުންފުނިން އިއްޔެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއްގައި ބުނެފައި ވަނީ ތަފާތު ސަބަބުތަކާ ގުޅިގެން އެ ކުންފުނީގެ އާމްދަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ވަނީ ދަށަށް ގޮސް ފައި ކަމަށާއި އެހާލަތުން އަރައިގަންނަން އެކުންފުނިން ބުރަ މަސައްކަތެއް ކުރަމުންދާ އިރު މުސާރަ އާއި އިނާއަތްތައް ހަމަޖައްސައިދެވޭނެ ވަކި ތާރީހެއް ކަނޑައެޅިގެން ދަންނަންވަން އުނދަގޫ ކަމަށެވެ.

"ބޭންކުން ލޯނެއް ނަގައިގެން ހަރަދު ދެކޮޅު ޖައްސަން ކުރަމުން ދިޔަ ގިނަގުނަ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ޒިންމާދާރުކަންކުޑަ ޕުރޮޕެގެންޑާ އާއި ދޮގު މައުލޫމާތުގެ އިތުރުން ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ ސަބަބުން މިވަނީ އަލިމަގެއް ނުފެނި ހުއްޓުން އަރާފައި." ވިލާއިން ނެރެފައިވާ މެމޯގައި ބުނެފައިވެ އެވެ.

މުވައްޒަފުންނަށް ދިމާވާނެ ދަތިތަތަކުގެ ސަބަބުން މުސާރަ ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި މިވަގުތު ވަޒީފާގައި ތިބެން ދަތި މުވައްޒަފުން އެހެން ގޮތެއް ހޯދުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެމެމޯގައި ބުނެފައިވެ އެވެ.

އަދި މުސާރަ ހަމަޖެހޭ ގޮތް ވުމުން އެކުންފުނިން ވަކިވެގެންދާ މުވައްޒަފުންނަށް ވެސް ދޭން ޖެހޭ މުސާރަ ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވިލާ ކުންފުނީގައި 4،500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން 3،000 ގާތްކުރާ އަދަދަކަށް ދިވެހިން މަސައްކަތް ކުރެ އެވެ.

ވިލާ ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ފަސް ރަށަކާ ގުޅިގެން ހަދާފައި އޮތް ސެޓްލްމެންޓް އެގްރިމެންޓް ބާތިލުކޮށް އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 90.4 މިލިއަން ރުފިޔާ (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގުމުންނެވެ.

ނަމަވެސް ވިލާއިން ބުނަމުންދަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް