ފުވައްމުލަކު ފިހާރައެއް ފަޅާލައި އެފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ބައެއް ތަކެތި ހޯދައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މެއި މަހުގެ 18 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުވައްމުލަކު ހައި ޓެކްނޮލޮޖީ ފިހާރައިގެ ދޮރު ހަލާކުކޮށްލައި އެތަނަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ 2 ފިރިހެނުންނެވެ. މިމީހުންނަނީ ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މި މައްސަލައާއި ގުޅިގެން މި ތިން މީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އެމީހުން ދިރިއުޅެމުންދާ ގެއިން ކަމަށާއި މި ތިން މީހުންގެ ތެރެއިން 18 އަހަރުގެ މީހާއަކީ ވައްކަމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި 19 އަހަރުގެ ދެ މީހުންނަކީވެސް ގްރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ ފުވައްމުލަކުގެ ހައި ޓެކްނޮލޮޖީ ފިހާރަ ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ދެ ފޯނެއް ހޯދާފައިވާއިރު މި ދެފޯނު ފެނިފައިވަނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ދިރިއުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު ކަމަށާއި އެފިހާރައިން ވަގަށް ނަގާފައިވާ އެހެނިހެން ތަކެތި ހޯދުމުގެ މަސައްކަތްތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް