ކޯޓު އަމުރެއް އޮތެއް ކަމަކު އެފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫންކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ފުލުހުން ނެރުނު ނޫސްބަޔާނާއި އަދި ނޫސްވެރިންނަށް އެކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ފޮނުވި މެސެޖެއްގައެވެ.
" ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން، ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް"އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށާއި އެމީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށެވެ.
"އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖް އަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް" ފުލުހުން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް