މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރަމުން އަންނަކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެގޮތުން އެޗްއާރްސީއެމްއިން ދެންމެ ބުނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު ގްރޭޓާމާލޭގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި، 1 ޖަލެއްގައި ބެހެއްޓިފައިވާ ވޯޓުފޮށިތައް އޮބްޒަރވްކުރުމަށް މި ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
"އެގޮތުން ޖުމްލަގޮތެއްގައި އަތޮޅުތެރޭގެ 93 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 168 މަރުކަޒަކާއި، ޖަލުގައި ބެހެއްޓޭ 2 މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކޮމިޝަނުން އޮބްޒާވް ކުރާނެ" އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
މިގޮތުން، އަތޮޅުތެރޭގެ 23 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 16 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާމަރުކަޒެއްގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމަޔަށް 40 މަރުކަޒެއް އޮބްޒާވްކުރަމުންދާނެ ކަމުގައި އެޗްއާރްސީއެމްއިން ބުނެއެވެ. އަދި މީގެ އިތުރުން، އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި ގްރޭޓާމާލޭގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއް ގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް އޮބްޒާވް ކުރާނެކަމުގައިވެސް އެ މުއައްސަސާއިން ބުނެއެވެ.
އެޗްއާރްސީއެމްއިން އިތުރަށް ބުނެފައިވާގޮތުގައި މި މަސަތްކަތުގައި އެކިރަށްރަށުން ނަގާފައިވާ 25 ލޯންގް ޓާރމް އޮބްޒާވަރުންނާއި އެ ކޮމިޝަންގެ 73 މުވައްޒަފެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް