ރޯދައިން ނަފްސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ: ރައީސް

ރޯދައިގެ އަޅުކަމުން ޙާޞިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ޠާހިރުވެ އަލުން ތާޒާވުން ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށ...

21 Apr 2023 | 09:08

ރޯދައިގެ އަޅުކަމުން ޙާޞިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ޠާހިރުވެ އަލުން ތާޒާވުން ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.

އަދި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ޙަސަދަ އާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފަ އެވެ.

އަދި އެމަނިކުފާނު ވަނީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޢީދުގެ ޙަޤީޤީ އުފަލެއްކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅު ކުރުމަށެވެ.

އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ބަދަލު ކުރުމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ބާރު އަޅުއްވާފައި ވެއެވެ.

އަދި އެމަނިކުފާނު ވަނީ ފަޤީރުންނާއި ނިކަމެތިންނަށް ޙާއްޞަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާމެދު މެދު އޯގާތެރި ވުމަށް ބާރުއަޅުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް