"އިންޑިއާ އައުޓް" ކިޔުން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ނެރުއްވި ގަރާރަށް އިދިކޮޅު ޕާޓީތަކުން އަމަލު ނުކުރާނެ ކަމަށާއި ގަރާރު ނެރުއްވިޔަސް އެހެން ކިޔުން ހުއްޓާ ނުލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޯޓަށް ދާން ނިންމީ އެ ގާރަރަކީ ގަރާރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ނެރުއްވި ގަރާރަކަށް ވާތީ ކަމަށެވެ.
އަދުރޭ ވިދާޅުވީ ނަސްލީ ތަފާތު ކުރުން ހުއްޓުވަނީ ކަމަށް އެ ގަރާރުގައި ބުނެފައި އޮތަސް، ނަސްލީ ތަފާތު ކުރުން ފެތުރެމުން ދަނީ އިންޑިއާގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހުރިހާ ކަމެއް ކުރަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކަމަށާއި އެއީ ދިވެހި ރައްޔިތުންނާއި ދެކޮޅު ގަރާރެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހަކު ބޭނުންވާ ހިޔާލެއް އިންޑިއާއާ ދެކޮޅަށް ވިޔަސް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު ކަމަށެވެ. އޭނާ ވިދާޅުވީ ބެނާއެއް "ހަޖަމް" ނުވުމަކީ ދިވެހި ރައްޔިތުންނަށް ވުރެން އިންޑިއާ މި ސަރުކާރަށް މުހިއްމު ވަރު އެނިގެން ދިޔަ ކަމެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ފުލުހުން ދެން ޖެހޭނީ އަބަދު ބެނާ ނަގަން ކަމަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ބެނާ ހަރު ކުރުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ބެނާ ނެގުން ކުރިއަށް ގެންދިޔަ ވަގުތާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ގަރާރުގައި ރައީސް ވަނީ އިންޑިއާއާ ދެކޮޅު އެ ހަރަކާތް ހުއްޓުވުމުގެ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް