ދޮންފަނު ކައުންސިލުން ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ދޮންފަނު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ...

21 Apr 2022 | 08:32

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ދޮންފަނު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކައުންސިލަރުން ވަނީ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްހަދާނެ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮންފަނުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.

އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް