ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ ކެމްޕޭނު ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވާ ގަރާރެއް ނެރުއްވައިފިއެވެ. .
ކަމާބެހޭ އެންމެހާ އިދާރާތަަކަށް ނެރެފައިވާ މި ގަރާރުގައި އެ އިދާރާތަކަށް އަންގާފައިވަނީ އެ ހަރަކާތް ހުއްޓުވުމަށެވެ.
އެ ގަރާރުގައި އިންޑިއާ އައުޓް މޫވްމަންޓް ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވެއެވެ. އެގޮތުން އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އޮތް ހިނދު، މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައްެއް އުފުލަންޖެހޭ ކަމެއް ކަމުގައި ގަބޫލުކުރެވޭތީއާއި، އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަަމެއްކަމުގައި ފާހަގަކުރެވޭކަމުގައި ވިދާޅުވެފައިވެއެވެ.
"މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަހައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައިވެސް ގަބޫލުކުރެވޭ" ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވެއެވެ.
އެ ގަރާރުގައި ވިދާޅުވެފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްްޓުވަންޖެހޭ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާ އަނިޔާއެއް ކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަންޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލަމަތާބެހޭ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.
އިންޑިއާ އައުޓް މޫވްމަންޓަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައެއް މުއާހަދާތަކާއި ހިލާފު ހަރަކާތެއް ކަންވެސް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963)ގެ ދަށުން، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިމޮކްރެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ކޮންވެންސަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (1966)ގެ ދަށުން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ގައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމާއި އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކި އެކި މުއާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވާލައި އދ އިން ފާސްކޮށްފައިވާ އެކި އެކި ގަރާރުތަަކށް ބަލާއިރު ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން ނުވަތަ ތަފާތުކުރުމަކި މަނާކަމެއް ކަމުގައިވެސް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް