ބައްޕަގެ އެކުވެރިކަމުގައި ގޮސް ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާކުރާތާ އެތައް އަހަރެއް

ދެކުނުގެ ރަށެއްގައި ކުއްޖާގެ ބައްޕަގެ ރައްޓެހިކަމުގައި އެގެއަށް ގޮސް އުޅުމުގެ ތެރޭގައި އެތައް އަހަރެއް ވަންދެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު އެއް މަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ...

21 Apr 2022 | 06:38

ދެކުނުގެ ރަށެއްގައި ކުއްޖާގެ ބައްޕަގެ ރައްޓެހިކަމުގައި އެގެއަށް ގޮސް އުޅުމުގެ ތެރޭގައި އެތައް އަހަރެއް ވަންދެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު އެއް މަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ބުނީ ދެކުނުގެ ރަށެއްގައި އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު އެކި ދުވަސްމަތިން 14 އަހަރުގެ ކުއްޖަކަށް، އެކުއްޖާގެ އުމުރުން 12 އަހަރުން ފެށިގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އަމުރުގައި ބުނީ އޭނާ އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްފައިވަނީ އެ ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ކަމަށެވެ.

އަދި ޖިންސީ ގޯނާ ކުރަން ފެށިފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ގަދަކަމުން އެ ކުއްޖާ ވައްދައިގެން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

މީގެ އިތުރުން ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމަށް ފަހު، އެކަން އެއްވެސް މީހެއް ގާތު ބުނެފި ނަމަ މުޅި ރަށަށް ބޭޒާރު ކޮށްލާނެ ކަމަށް ބުނެ އެ ކުއްޖާ އަށް އިންޒާރު ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އަމުރުގައި ބުނީ، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އެމީހާ ބަންދުގައި ނުބަހައްޓައިފި ނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެ ކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މިގޮތުން ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނީ 30 ދުވަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް