"އިންޑިއާ އައުޓް" ބެނާތައް ނަގާ ފުލުހުންނަށް ދައުވާ ކުރާނަން: އިދިކޮޅު

އިންޑިއާ އައުޓް ޖަހާފައިވާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް...

21 Apr 2022 | 05:18

އިންޑިއާ އައުޓް ޖަހާފައިވާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުކަމަށްވާ ހ. ދޫވެއްސާއި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ދެމުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުން އެ ބެނާ ނަގައި އެފަދަ ކަންތައް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. އޭގެ ފަހުން އިއްޔެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގެ ވެރިފަރާތަށް ހަރުކޮށްފައިވާ ބެނާ ނެގުމަށް ލިޔުމުން އަންގާފަ އެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ވިދާޅުވީ ބެނާތައް ނުކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ.

އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ހިޔާލުފާޅު ކުރުމުގެ މިންގަނޑުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް އާދަމް ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ފޮނުވި އެންގުމުގައި ބުނެފައިވަނީ އެގޭގެ ބޭރުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނަރގެ ސަބަބުން ވަކި ޤައުމެއްގެ ކަރާމަތަށް އުނިކަން އަންނަ ކަމަށާއި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުންތަކަށް އަސަރުކޮށް އޭގެ ސަބަބުން އެ ޤައުމުތަކުގައި އުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންނަށް ގެއްލުންވާނެ ކަމެއްކަމުގައި ފުލުހުން ދެކޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް