ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އަޅަން އުޅުނު ކަމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި މިރޭ ކިނބިދޭ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އޭނާގެ ފޯނު ހުޅުވައި ދިނުމުން އެ މައްސަލައިގަ ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިރޭ 8:00 ގައި ސިއްރުން ބޭއްވި އެ ޝަރީއަތުގައި ނިންމާފައިވަނީ އެ މައްސަލަ އާއި މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބޭއްވުމަށެވެ. ރިޔާޒުގެ މައްޗަށް ދައުވާ އުފުލީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފޯނު ހުޅުވައިދޭން އެދުމުން ޕިން ހަނދާންނެތް ކަމަށް ބުނެ އެއްބާރުލުން ނުދިނުމުން ނެވެ.
ޝަރީއަތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒުގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ މިރޭގެ ޝަރީއަތުގެ މަޖިލީސް ކުރިޔަށް ދަނިކޮށް ރިޔާޒު ފޯނު ހުޅުވީ އަދިވެސް އެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ބުނުމުން ކަމަށެވެ. އަދި މިހާރު ފޯނުގެ ޕިން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފުލުހުންނަށް އެއްބާރުލުން ނުދީގެން ކަމަށް ބުނެ ދައުވާ ކުރަން ފޮނުވި އިރު ތަހުގީގު ނިމުނުކަން އޭނާއަށް ނާންގާ ކަމަށެވެ. އަދި މި މައްސަލައިގަ ފުލުހުން އަމަލު ކުރީ ގާނޫނާއި ހިލާފަށް ކަމަށާ ފުލުހުން ތަހުގީގެއް ކުރާނަމަ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ހަޖަމް ނުކުރެވިގެން ކަމަށެވެ. އަދި މިއީ ސިޔާސީ މީހުން ދައްކާ ވާހަކަ ތަހުގީގު ކުރާ ޒަމާނެއް ނޫން ކަމަށެވެ.
ރިޔާޒުގެ މައްސަލަ ކުއްލިއަކަށް މިރޭ ބޭއްވީ އަންނަ އާދިއްތަ ދުވަހާއި ހަމައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައި އޮތުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް