ދެ ބިދޭސީން ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ދެ ބިދޭސީން ރަހީނުކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ. އެ މައްސަލައިގަ ރަހީނުކޮށްފައި ތިބި ބަންގްލަދޭޝްގެ ދެ ބިދޭސީން ފުލުހުން ވަނީ ސަލާމަތް...

21 Apr 2015 | 06:19

މާލޭގެ ގެއެއްގެ ތެރޭގައި ދެ ބިދޭސީން ރަހީނުކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގަ ރަހީނުކޮށްފައި ތިބި ބަންގްލަދޭޝްގެ ދެ ބިދޭސީން ފުލުހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރަހީނުކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:40 ހާއިރު ކަމަށެވެ. އެމީހުން ރަހީނުކޮށްފައިވަނީ އިއްޔެ އިރުއޮއްސޭއިރު 06:00 ހާއިރު އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ސަލާމަތްކޮށްފައިވަނީ ރޭ 02:45 ހާއިރު ގަލޮޅުގައި ހުރި ގެއަކުން ނެވެ. ފުލުހުން ބުނީ އެގެއަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި، އެ ގޭތެރެއިން ކުށުގެ ވެށިން އެމީހުން ރަހީނުކޮށްގެން ގެންގުޅުނު ދިވެހި މީހާ ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

އަދި އެ ދެބިދޭސީންނަށް އަނިޔާކޮށް މާރާމާރީ ހިންގާފައިވާކަން ފާހަގަ ކުރެވިފައިވާއިރު އެމީޙުން އަތުން ގިނަ އަދަދަކަށް ފައިސާ ހޯދާފައިވާ ކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކޮށްފައި ތިބީ 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި ދިވެހި ފިރިހެން މީހާގެ އުމުރަކީ 34 އަހަރެވެ.

އެ ދިވެހި މީހާގެ އިތުރުން މި ކަމުގައި ބިދޭސީއަކާއި އިތުރު ދިވެހިންތަކެއް ބައިވެރިވެފައި ވާކަން މިހާތަނަށް ކުރެވުނު ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހުން ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ .

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް