ވިލުފުށީ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

ތ. ވިލިފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު ކުރީ އެރަށު މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގަ އެވެ....

21 Apr 2015 | 06:07

ތ. ވިލިފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ އެރަށު މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހުރަސް އެޅި ކަމުގެ ތުހުމަތުގަ އެވެ.

ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ސީދާ ޖަބީން ކަމަށް ނުބުނިނަމަވެސް ފުލުހުން ބުނީ ވިލުފުށިން އުމުރުން 36 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އެ ރަށުގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މަސައްކަތަށް ހުރަސް އަޅައި އެމީހުން ބޭނުންކުރާ އޮފީހަށް ވަދެ އޮފީހުގައި ތިބި މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް ހަޅޭލަވައި ހެދުމުން ކަމަށެވެ.

އެރަށުން މައުލޫމާތު ދިން ބައެއް މީހުން ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަސައްކަތަށް ޖަބީން ހުރަސް އަޅަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިލުފުށީގައި އިންދެވި ގަހެއް މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އުފުރާލުމުންނެވެ. އެމީހުން ބުނީ މަގު ހެދުމަށް ހުރަސް އެޅުމުގެ ގޮތުން ޖަބީން މަގުމަތީ ޖަހާފައި ހުންނަ ދަގަނޑު އުފުރާކަމުގެ ޝަކުވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ބައެއް މީހުން ކޮށްފައިވާ ކަމަށެވެ.

ވިލުފުށީ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ވިލުފުށީ މަގުހެދުމުގެ މަސައްކަތް މި އަހަރުގެ ފެބުރުއަރީ މަހު ފަށާފައި ވަނީ ހަ މަސް ދުވަހުގެ ތެރޭ އެ މަސައްކަތް ނިންމާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް